އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ތައްޔާރީތަކުގައި މިނިސްޓަރު ޝާހިދު
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ނިންމައި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވާން ފަށައިފިއެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަހަކީ 2004 ވަނަ އަހަރު ރާއްޖެ އާއި އިންޑިއާ ކަނޑުގެ އެހެންް ބައެއް ގައުމުތަކަށް އެރި ސުނާމީއަށް ފަހު ދިވެހިން ދެއްކި އެއްބައިވަންތަކަމާ ގުޅުވައިގެން ފާހަގަކުރާ ދުވަހެކެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ހެނދުނު ހާއްސަ އިވެންޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި މި އިވެންޓު އޮންނާނީ ފޮރިން މިނިސްޓްރީ މިހާރު ހިންގާ އިމާރާތުގެ ބޭރުން ޖަޕާން ސަރުކާރުން ހަދާފައިވާ ހާއްސަ މޮނިއުމަންޓް ހުރި ތަނުގައި ކަމަށެވެ.
މި ހަރަކާތުގެ ތައްޔާރީތައް މިހާރު ފަށާފައިވާއިރު މި ތައްޔާރީތަކުގައި މިނިސްޓަރު ޝާހިދު ވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.
މި ހަރަކާތުގައި ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުން ވެސް ބައިވެރިވަޑައިގަންނަވާނެއެވެ.
މި ހަރަކާތް ފަށަން ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު 09:20 ގައެވެ. އެއީ ސުނާމީގެ ރާޅުތައް ރާއްޖެ އެރަން ފެށި ވަގުތެވެ.