ނައުޝަމްގެ މި އަސަރުން ފުރިގެންވާ ފޮޓޯއިން އައުވީ 16 އަހަރު ކުރީގެ ހަނދާންތައް!
އިންޑޮނޭޝިއާގެ ސުމަޓްރާ އަށް އެރި ބާރުގަދަ ބިންހެލުމާ ގުޅިގެން، އިންޑިއާ ކަނޑަށް ސުނާމީ އަރާ އޭގެ އަސަރު ރާއްޖެއަށް ވެސް ކުރި ކާރިސާ އަކީ އެތައް ދިވެހިންނެއްގެ ސިކުނޑީގައި އަބަދުމެ ހަރުލާ ހުންނާނެ ހަނދާން ތަކެކެވެ. އެ ކާރިސާގެ ހަނދާން އައު ވުމުން ލޮލުން ކަރުނަ އަންނަ މީހުންގެ އަދަދު މިއަދު ވެސް މަދެއް ނޫނެވެ. ގާތްތިމާގެ މީހަކު ނުވަތަ ގާތް ރަހުމަތްތެރިއަކު ގެއްލި އެކަމާ ތާ އަބަދަށް ހިތާމަ ކުރަނީ ވެސް ދެތިން ހަތަރު މީހެއް ނޫނެވެ.
މިއަދު އެ ހިތާމަވެރި ކާރިސާއަށް މިވަނީ 16 އަހަރު ވެފައެވެ. އެ ހަނދާންތައް އައުވުމުން މިއަދު ވެސް ބިރުން ސިހިސިހި ތިބޭ މީހުން އުޅޭއިރު އެ ދުވަހުގެ ހަނދާންތައް އެމީހުންނަށް އެންމެ ބޮޑަށް އައުވާނީ މިއަދު ކަން ގައިމެވެ. ސުނާމީ ކާރިސާ ހިނގި ދުވަސްވަރަކީ މިހާރުހެން ކެމެރާ އާއި ސްމާރޓް ފޯނުތައް ހުންނަ ދުވަސްވަރަކަށް ނުވާތީ އެ ކާރިސާގެ މާ ބައިވަރު ފޮޓޯ ތަކެއް ނެގިފައެއް ނުވެއެވެ.
ސުނާމީ ކާރިސާއަށް 16 އަހަރު ފުރުނު ދުވަހު އެ ދުވަހުގެ ހަނދާންތައް އައު ކޮށްދިނީ ޒުވާން ފޮޓޯގްރާފަރު ނައުޝަމް ވަހީދުގެ ބުރަ މަސައްކަތާ އެކު ނަގާފައިވާ ފޮޓޯއަކުންނެވެ. އެ ފޮޓޯއިން އެ ދުވަހުގެ މަންޒަރުތައް ވަރަށް ބޮޑަށް ވެސް ސިފަ ކޮށްދެއެވެ. ނައުޝަމް ނަގާފައިވާ އަސަރުގަދަ ފޮޓޯ އިން ފެނިގެންދަނީ މާމައަކު އޭނާގެ ދަރިފުޅު ސުނާމީގެ ބިޔަ ރާޅުތަކުގެ ތެރެއިން ސަލާމަތް ކުރަން އުޅޭ މަންޒަރެވެ. ނޭނގޭ މީހަކު ހަމަގައިމު ވެސް ބުނާނީ އެ ފޮޓޯ އަކީ އެ ދުވަހު ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.
އަބަދުވެސް މުނާސަބަތުތަކާ ގުޅިގެން މާނަފުން ތަފާތު ފޮޓޯތައް ނަގާ ނައުޝަމް މި ފޮޓޯ ނެގުމަށް ހިޔާލު އައީ ކިހިނެއްތޯ ސުވާލު ކޮށްލުމުން އޭނާ ބުނީ، ސުނާމީ ކާރިސާއަށް 16 އަހަރު ފުރެން ގާތްގަނޑަކަށް މަހަކަށް ވެފައި ވަނިކޮށް ތަފާތު ކޮންސެޕްޓަކާ ދޭތެރޭ ވިސްނަން ފެށި ކަމަށެވެ. އަދި އައިޑިއާއެއް އައުމުން ޝޫޓަށް ތައްޔާރުވާން ފެށީ ކަމުގައި ނައުޝަމް ބުންޏެވެ.
އެންމެ ފުރަތަމަ ކަމަކަށް ޝޫޓަަށް ބޭނުންވާނެ ސާމާނު ނައުޝަމް އެއްކުރިއެވެ. އެގޮތުން ފަންގަނޑަކާއި ރުއްގުޅި އަކާއި މީގެ އިތުރުންވެސް ފޮޓޯ ޝޫޓުގައި ބޭނުންކުރާނެ އިތުރު އެއްޗެހި ހޯދިއެވެ. މި ފޮޓޯ ނަގާފައި ވަނީ ނައުޝަމްގެ އުފަން ރަށް ގދ.ތިނަދޫގެ ގޮނޑުދޮށުގައެވެ. ފޮޓޯގައި ފެނިގެންދަނީ ނައުޝަމްގެ މާމަ އާއި އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ.
ފޮޓޯ ނެގުމުގައި އެންމެ އުނދަގޫވީ މާމަ އާއި ކޮއްކޮގެ "ފޭޝަލް އެކްސްޕްރެޝަން" ބޭނުންވާ ގޮތަށް ގެންނަން ކަމުގައި ނައުޝަމް ބުންޏެވެ. ނައުޝަމް ހިއްސާ ކޮށްފައިވާ ފޮޓޯގައި މާމަގެ މޫނުން ފެންނަނީ ހާސްކަމާއި ބިރުވެރި ކަމެވެ. ސުނާމީ ކާރިސާގެ ބިޔަ ރާޅުތަކުން މާމަ ދަރިފުޅު ސަލާމަތް ކުރުމަށް ގުރުބާންވަމުން ދިޔަ މާމައެއްގެ މޫނުން ވެސް ފެންނާނެ ހިތާމަވެރިކަމެވެ.
ނައުޝަމްގެ ފޮޓޯއަށް ކުޑައިރުކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، މީސްމީޑިއާގައި ގިނަ ބަޔަކު އަންނަނީ އެ ފޮޓޯ ހިއްސާކޮށް ތައުރީފް ކުރަމުންނެވެ. އަދި އެ ފޮޓޯއިން ސުނާމީގެ ހަނދާންތައް އައު ކޮށްދޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
މި ފޮޓޯ ނަގަން ބޭނުންވާ ގޮތަށް ނެގުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އަދި ޕަބްލިކުން ޕޮސިޓިވް ކޮމެންޓްސް ލިބޭތީ އެކަމާ ވަރަށް އުފާވާ ކަމަށް ނައުޝަމް ބުންޏެވެ. މި ފޮޓޯ ނެގުމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ވީ އޭނާގެ މާމަ އަދި މަރިޔަމް ޝައްފާފް ކަމުގައި ފާހަގަ ކުރަމުން ނައުޝަމް ވަނީ އެދެމީހުންނަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.
މި ފޮޓޯގައި ނައުޝަމް ބޭނުން ކޮށްފައިވަނީ ސުނާމީ ކާރިސާއަކުން ސަލާމަތްވި މީހަކު ބުނެފައިވާ ބަސްކޮޅެކެވެ. "އިވުނީ އެހީއަށް އެދި ކުދިބޮޑު އެންމެން ހަޅޭއް ލަވާ އަޑެވެ. އަދި ކުޑައިރުކޮޅެއްގެ ފަހުން ކުޑަކުދިންގެ އަޑު ކެނޑިގެން ހިނގައްޖެއެވެ."
ނައުަޝަމްގެ ފޮޓޯތަކަކީ އަބަދުވެސް ތަފާތު ފޮޓޯތަކެކެވެ. ސުނާމީ ކާރިސާއާ ގުޅުވައިގެން ނައުޝަމް މި ހިއްސާ ކުރި ފޮޓޯއިން މީގެ 16 އަހަރު ކުރީގެ ހަނދާންތައް ގިނަ ބައެއްގެ ސިކުނޑީގައި ތާޒާ ކުރުވައިފިއެވެ. އެދުވަހުގެ ބިރުވެރި މަންޒަރުތައް ހިތަށް ސިފަ ކުރުވައިފިއެވެ. އެ ދުވަހަކީ ދިވެހިރާއްޖެ ދުށް ކަޅު ދުވަހެއް ކަން ގައިމެވެ.
އަޅުގަނޑުމެން އެންމެންގެ ވެސް ދުއާ އަކީ އެފަދަ ހިތާމަވެރި ކާރިސާއަކާ މި ލޮބުވެތި ވަތަން ކުރިމަތިލާން ނުޖެހުމެވެ.
ސުނާމީ ނާރާނެ ކަނޑަކަށް
ރަނގަޅު
އެކްސްޕްރެޝަން ރަނގަޅެއް ނޫން. ބެކްގްރައުންޑްގެ ކުލައާއި ފޯގްރައުންޑްގެ ކުލައާއި ޓެމްޕަރޭޗަރ ނުގުޅޭ. އައިޑިއާ ރަނގަޅު. މަސައްކަތަށް ސާބަސް.