ރިޕޯޓް

އެމްޑީއެންއޭ އުތެމައޭ އުފާއޭ ކިޔަސް އެއީ އުފަލެއް ނޫނެވެ.

އާއިޝަތު އަލީނާ ، ދެން އޮންލައިން

ދުނިޔެ ކުރިއަރާ ހިނގައްޖެއެވެ. މިއަދު އެންމެން އެއް އަޑަކުން ގޮވަނީ މިނިވަންކަމުގެ ވާހަކަތަކެވެ. ޙައްގުތަކުގެ ވާހަކައެވެ. އަންހެނަކާ ފިރިހެނަކު ތަފާތު ނުވާ ގޮތެއްގެ މަތީންނެވެ.

Ads by STELCO

މާއްދީ ދުނިޔެ ޒީނަތްތެރި ކޮށްދޭ ހުރިހާ ކުލައަކާ ވަހަކުން ސިކުނޑިތައް ދޮވެވި، އެ ދޮވުމުގެ ތެރެއިން މިއަދު ހަމަހަމަކަމާއި ޙައްގުތަކުގެ ގޮވުންތައް އިމުން ބޭރުވެގެން ދާއިރު އެކަން ވެފައި ވަނީ މޮޅު ކަމެއްގެ ގޮތުގައެވެ. ތިމާގެ ވަރުގަދަ ދައްކައިދޭ ކަމެއްގެ ގޮތުގައެވެ. އަމިއްލަ ނަފްސު ނިކަމެތިވެފައިވާ މިންވަރެއް ، މާއްދީ ދުނިޔެއާ އެ ދުނިޔޭގެ ޝައިތާނުންގެ ތެރޭގައި ތިމާ ބަދެވިފައިވާ މިންވަރެއް ކުޑަކޮށް ވެސް ހިތަކަށް ނާރައެވެ.

އޭ ދީނަށް ފުރައްސާރަ ކުރަމުންދާ ނިކަމެތި އިންސާނާއާއެވެ. ކެރޭކަން ދައްކަމުން ، ޖޯކު ހުއްޖަތްތައް ދައްކަމުން ތިޔަ ދަނީ ތިބާ ތިގޮތުގައި އަބަދާއި އަބަދު ދުނިޔޭގައި އުޅެވޭނީ ހެއްޔެވެ؟ މަރުވުމަށްފަހު ތިބާ ކުޅަ ޢަމަލުތަކުގެ ހިސާބު ދޭން ނުޖެހޭނީ ހެއްޔެވެ؟ އެކަންކަން ވަންހަނާ ކުރެވޭނީ ހެއްޔެވެ؟ ޢަމަލުތައް ތިބާގެ ތިލަފަތުގެ ދެފަރާތަށް އެޅި ، ނުބައިކަން ބަރުވެ ނަރަކަ ޔަގީންވެ ދާއިރު ދައްކާނެ އުޒުރުތަކެއް އޮތީ ހެއްޔެވެ؟ އަދި އޭގެ އެންމެ ތިއްކެއް ބިމަށް ވައްޓާލި ނަމަވެސް ބިން އެކީއެކަށް ހަލާކުވެދާ ޒައްގޫމްގެ ރަހަ ތާ އަބަދަށް ދެކެން ޖެހިދާނެކަމުގެ ބިރެއް ނެތީ ހެއްޔެވެ؟

ދީނަށް ފުރައްސާރަ ކުރަމުން ދާއިރު ، އަދި އެކަމަށް ހިތްވަރުދޭ މީހުން ބޮޑީގާޑުން ދީން ރައްކާތެރިކޮށް ދިނަސް "ނަފްސީ،ނަފްސީ" ދުވަހެއް އެބައޮތެވެ. އެދުވަހުގައި ތިމާ ރައްކާތެރިކޮށްދޭނީ ހަމައެކަނި ތިމާ ކުޅަ ހެޔޮ ޢަމަލުތަކެވެ.

ދަންނާށެވެ. ތިމާކުރި އެއްވެސް މަސައްކަތަކާ ނުލައި ﷲ ތަޢާލާ އެވަނީ އަހަރެމެންނަށް އިސްލާމް ދީނުގެ ހިދާޔަތް ދެއްވާފައެވެ. ޙައްޤު މަގުގައި ލައްވާފައެވެ. ވީއިރުު އެމަގުން ދުރުވެ ، ބާތިލްގެ މަގަށް އެނބުރި ދާނީ ހާދަހާ ބޮޑު އަބާއްޖަވެރިއެކެވެ. ހާދަހާ ބޮޑު ބަދު ނަސީބުވެރިއެކެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

﴿وَلَا تَرْتَدُّوا عَلَىٰ أَدْبَارِكُمْ﴾ [المائدة 21]

މާނައީ: “ކަލޭމެން ކަލޭމެންގެ ފުރަގަހަށް އަލުން ވެސް އެނބުރި ރުޖޫޢަ ނުވާށެވެ.”

﴿وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالآخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ﴾ [البقرة 217]

މާނައީ: “ކަލޭމެންކުރެ އެމީހެއްގެ ދީނުން މުރުތައްދުވެއްޖެ މީހާ (ދަންނައެވެ.) ދެން އޭނާ އެޙާލުގައި މަރުވެއްޖެއްޔާ އޭނާއަކީ ކާފިރެކެވެ. ފަހެ އެފަދަ މީހުންގެ ހެޔޮ ޢަމަލުތައް ދުނިޔެއާއި އާޚިރަތުގައިވެސް ބާޠިލުވީއެވެ. އަދި އެމީހުންނަކީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާންގައެވެ.”

މުރުތައްދު ވުމަކީ ޢަމަލާއި ބަހުން ވެސް ކުރެވޭ ކަމެކެވެ. މުރުތައްދު ވުމުގެ ދީނުން ބޭރުވާ ކަންކަން ގިނަ ނަމަވެސް އެކަންކަން ބެހިގެން ވަނީ މައިގަނޑު ހަތަރު ބަޔަކަށެވެ.

1- ބުނާ ބަހުގެ ގޮތުން މުރުތައްދުވުމެވެ. އޭގެ މިސާލަކީ ﷲ ތަޢާލާއަށް ނުވަތަ އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނުވަތަ އެކަލާނގެ މަލާއިކަތުންނަށް ނުވަތަ އެކަލާނގެ ރަސޫލު ބޭކަލުންކުރެ ބޭކަލަކަށް ހުތުރު އެއްޗެހި ގޮވުމެވެ. ނުވަތަ ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢުވާކުރުން ނުވަތަ ނަބީކަމަށް ދަޢުވާކުރުން ނުވަތަ ނަބީކަމަށް ދަޢުވާކުރާ މީހާގެ ބަސްތެދުކުރުން ނުވަތަ ﷲ ނޫން ފަރާތަކަށް ގޮވާ ދުޢާކުރުން ނުވަތަ އެކަލާނގެ ނޫން ފަރާތަކަށް ކުޅަދާނަވެގެން ނުވާ ކަންކަމުގައި އެކަލާނގެ ނޫން ފަރާތަކުން ޙިމާޔަތާއި ވާގިއެދުން އަދި ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރުމާ އަދި މި ނޫންވެސް މިފަދަ މިފަދަ ކަންކަމެވެ. (ޣައިބުގެ ޢިލްމަކީ ނުފެންނަ ކަންތައްތަކުގެ ޢިލްމެވެ. އެއީ ﷲ އަށް ހަމައެކަނި ޚާއްޞަ ޢިލްމެކެވެ.)
2- ދެވަނަ ގޮތަކީ ކުރާ ކަންތައްތަކުން މުރުތައްދުވުމެވެ. އޭގެ މިސާލަކީ ބުދަށް ނުވަތަ ގަހަށް ނުވަތަ ހިލައަށް ނުވަތަ ގަބުރަށް ސަޖިދަކުރުމެވެ. އަދި އެތަކެތީގެ ނަމުގައި ތަކެތި ކަތިލައި ޤުރުބާން ކުރުމެވެ. އަދި ހަޑިހުތުރު ތަންތާ މުޞްޙަފު (ޤުރުއާން) ބޭއްވުން، ސިޙުރުހެދުން، ސިޙުރު އުނގެނި ސިޙުރު އުނގަންނައިދިނުން އަދި ޙަލާލުކަމެއްކަމުގައި އިޢުތިޤާދުކުރާ ޙާލު ﷲ ބާވައިލެއްވިގޮތް ނޫން ގޮތްގޮތަށް ޙުކުމްކުރުމާއި، އަދި މިނޫންވެސް މިބާވަތުގެ ކަންކަމެވެ.
3- ތިންވަނަ ގޮތަކީ އިޢްތިޤާދު ކުރުމުގެ ގޮތުން މުރުތައްދުވުމެވެ. މިސާލަކަށް ﷲ ތަޢާލާ އަށް ޝަރީކަކު ވާކަމުގައި އިޢުތިޤާދު ކުރުމެވެ. ނުވަތަ ރޮށި ޙަރާމް ކަމުގައި އިޢުތިޤާދު ކުރުން ނުވަތަ ނަމާދު ވާޖިބް ނޫންކަމަށް އިޢުތިޤާދު ކުރުން އަދި މިނޫންވެސް މިބާވަތުގެ ކަންކަމެވެ. (އިސްވެދިޔަ ބާވަތުގެ ކަންކަމުގެ ތެރެއިން ޙަލާލު ކަންތައް ޙަރާމް ކަންތައް ޙަރާމް ކަމަށް ވާޖިބު ކަންތައް ވާޖިބުކަމަށް قَطْعى ގޮތެއްގައި ވަނީ ކަނޑައެޅިގެން އިޖުމާޢުވެފައެވެ. އެފަދަ ކަންތައްތައް ނޭގޭ ކަންތައްތައް ކަމުގާ ބެލެވޭނެ ގޮތެއްނެތެވެ.)
4- ހަތަރުވަނަ ބާވަތަކީ އިސްވެދިޔަ ބާވަތުގެ ކަންކަމުގެ ތެރެއިން ކަމަކާއިމެދު ޝައްކުވުމުން މުރުތައްދުވުމެވެ. މިސާލަކަށް: ޝިރްކު ޙަރާމް ކަމާ މެދު ނުވަތަ ޒިނޭ ޙަރާމް ކަމާމެދު ނުވަތަ ރާ ޙަރާމް ކަމާމެދު ނުވަތަ ރޮށި ޙަލާލު ކަމާމެދު މިބާވަތުގެ ކަންކަމާމެދު ޝައްކުވުމެވެ. ނުވަތަ ނަބިއްޔުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަބީކަމާއި މެދު ނުވަތަ އެހެން ނަބީ ބޭކަލެއްގެ ނަބީކަމާމެދު ނުވަތަ އެބޭކަލުން ތެދުވެރި ކަމާމެދު ނުވަތަ އިސްލާމްދީނާމެދު ނުވަތަ މިޒަމާނަށް އިސްލާމް ދީން ޞުލްޙަވެގެން ވުމާއި މެދު މިބާވަތުގެ ކަންކަމަށް ޝައްކުވުމެވެ. މިއީވެސް މުރުތައްދުވާ ކަންކަމެވެ.

ޒުވާނުންނޭވެ. ޒަމާނުގެ އޮއިވަރާއެކު ސިކުނޑިތައް އޮޔާ ގޮސް ، ކިޔޭ ނުކިޔޭ ނޭނގޭ އަދި ހިތަށް އައި ކޮންމެ އެއްޗެއް ބުނެ ، ކޮންމެ އަމަލެއް ކުރާ މި ޒަމާނުގައި ސިކުނޑިތަކާއި ލޯތައް ހުޅުވުން ހުއްޓެވެ. ސިޔާސީ އަނދިރިކަމާއި ނުރައްކާތެރި ވިސްނުންތަކުގެ ދަލުގައި ނުޖެހި ދެދުނިޔޭގެ ސަލާމަތް ހޯދުމުގައި ރައްކާތެރިވުން ހުއްޓެވެ.

އެމްޑީއެންއޭ އުތެމައޭ އުފާއޭ ކިޔަސް އެއީ އުފަލެއް ނޫނެވެ.

  1. ޢަލީ

    މިދުވަސް ކޮޅަށް ވ މުހިންމު ލިޔުމެއް.