ފުލުހުންގެ ބިލާއެކު ފުލުހުންނަށް އޮތީ އުންމީދީ ކުރި މަގެއް: ރައީސް ނަޝީދު

މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވި ފުލުހުންގެ ބިލާއެކު ދިވެހި ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް ކަމުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް ރައީސް ތަސްދީގު ކޮށްދެއްވުމުން ރައީސް އަށް ޝުކުރު ދަންނަވާ ކުރެއްވި ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވީ މި ބިލަށް ގެނެވުނު އިސްލާހު ތަކަކީ ދިވެހި ފުލުހުންގެ މުއައްސަސާގެ އެތައް ބަޔަކާއި، އެތައް ދިވެހި ރައްޔިތުންނެއްް ނުހަނު އެދި އެދި ތިބި އިސްލާހުތަކެއް ކަމަށެވެ.
”މިކަމުން ދިވެހި ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް” ރައީސް ނަޝީދު ވިދާޅުވިއެވެ.
މިބިލު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރެއްވުމާއެކު ފުލުހުންގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
އެގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭ ގޮތަށް ބަދަލު ކުރުން ފަދަ ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް ތަސްދީގުކުރިއިރު މި ބިލާމެދު އިދިކޮޅު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.