ހަގީގީ ހާދިސާ ލައިފްސްޓައިލް

ހަގީގީ ހާދިސާ: އެކުވެރިއަކަށް ހެޔޮއެދިގެން ފިރިމީހާއާ ކައިވެނި ކުރުވުމުން، ފަހުން އޭނާވީ ހަތުރަކަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ދިވެހި އުޚްތަކަށް ދިމާވި ހަގީގީ ހާދިސާއެކެވެ. މިވާހަކަ އޭނާ "ދެން"އާ ހިއްސާ ކުރީ ނަން ހާމަ ނުކުރުމަށް އެދިއެވެ.

Ads by Sosun Fihaara

"މިއީ އަހަރެންގެ ޙަޔާތުގައި އަހަންނަށް ނިންމުނު ވަރަށް ވެސް ނުބައި ނިންމުމެއް ގެ ސަބަބުން ލިބުނު ހިތި ނަތީޖާއެކެވެ. ލޯބިވާ ފިރިމީހާ ނުހަނު އިތުބާރާއެކު، އަދި އިންސާނިއްޔަތަށްޓަަކައި އެހެން މީހަކާ ހިއްސާ ކުރަން އަމިއްލައަށް އިސްވެ އުޅެވުންވީ އަހަރެންގެ މުޅި ދިރިއުޅުން ބަނަ ކޮށްލި ކަމަކަށެވެ.

އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެކެވެ. އޭނަގެ ފިރިމީހާ ކުޅިވަރު ދަނޑެއްގައި ހުއްޓާ ކުއްލި ގޮތަކަށް ވެއްޓި ނިޔާވީއެވެ. އެއަށްފަހު އޭނާއާއި އޭނަގެ ދެ ދަރިން ބިކަވެ ނިކަމެތިވިއެވެ. މާލޭގައި އެއިރު އެމީހުން ދިރިއުޅުނީ ކުއްޔަށް ކަމަށްވާތީ، ފިރިމީހާ ނެތުމުން ކުލި ނުދެއްކި އަނގަޔާއި އަތާ ދިމާ ނުވެ ޙާލު ޖެހުމުން އޭނާ ދިޔައީ ދަރިންކޮޅު ގޮވައިގެން އެމީހުންގެ ރަށަށެވެ. ނަމަވެސް އެތަނުގައި ވެސް އޭނާއަށް ވަރަށް ނިކަމެތި ހާލު ޖެހުނެވެ. އެމީހުން އުޅުނު ބިކަ ހާލު، ރަށަށް ބަދަލުވިތާ ހަ މަސް ފަހުން އަހަންނަށް ކިޔައިދިނެވެ. އޭނާގެ އާއިލާއަށް އެމީހުން ބުރައަކަށްވެ، މާބޮޑު އެހީތެރިކަމެއް ނުލިބޭ ވާހަކަ އޭނާ އަހަންނާ ހިއްސާ ކުރިއެވެ. އެއިރު އަހަރެން ހުރީ ޢުމްރާއެއް ވުމަށް ފިރިމީހާ އާއެކު މައްކާ ގައެވެ.

ރޮއެ ރޮއެފައި އޭނާ ދެއްކި ވާހަކަތައް އަހަރެން ފިރިމީހާއާ ހިއްސާ ކުރީމެވެ. އަދި ފިރިއަކު ނެތުމުން އޭނާއަށް ދިމާވަމުންދިޔަ ނިކަމެތި ހާލާމެދު އަހަރެން ހަމްދަރުދީވެ، ފިރިމީހާ ގާތު އޭނާއާ ކައިވެނި ކުރުމަށް އެދުނީމެވެ. ފިރިމީހާ އެކަމާ ފުރަތަމަ ދެކޮޅު ހެދި ކަމުގައި ވިޔަސް އަހަރެން ވަރަށް ގިނައިން އެދުމުން އެކަމަށް އެއްބަސްވިއެވެ. އެހެންކަމުން މާލެ އައުމަށްފަހު އަހަރެންގެ އެކުވެރިޔާގެ ރަށަށް ގޮސް އޭނާއާ ބައްދަލު ކުރީމެވެ. އެވާހަކަތައް ދެއްކުމުން އޭނާ އެކަމާ ވަރަށް ފަސޭހައިން އެއްބަސްވިއެވެ. އެކަމާ އަހަރެން އެވަގުތު ކުޑަކޮށް ހައިރާން ވިޔަސް، އެވަރަށް ނުވިސްނަން ނިންމީމެވެ.

އަހަރުމެން އެނބުރި އައީ އޭނާ އާއި އޭނަގެ ދަރިން ވެސް ގޮވައިގެންނެވެ. ފިރިމީހާ ނިންމީ އެކުވެރިޔާ އާއި އޭނަގެ ދަރިން އެހެން ގެއެއްގައި ކުއްޔަށް ބައިތިއްބާށެވެ. އެއީ އަހަންނާއި އަހަރުމެންގެ ތިން ކުދިންނަށް ވެސް ރަނގަޅަކަށް ކަމަށް ބުންޏެވެ. އަހަރެންގެ ފިރިމީހާ އަކީ ވިޔަފާރިވެރިއަކަށް ވާތީ، ދެއަނބިން ގެންގުޅެވޭނެ ފުދުންތެރިކަން މާތް ﷲ ގެ އިރާދަފުޅާއެކު އޭނާގެ ހުއްޓެވެ.

މާގިނަ ދުވަސްތަކެއް ނުވެ އަހަރެންގެ އެކުވެރިޔާ އާއި ފިރިމީހާ ކައިވެނި ކުރިއެވެ. އެކަމަކީ އަހަރެންގެ ހިތަށް މާޔޫސްކަމެއް ގެނުވި ކަމެއް ކަމުގައި ވިޔަސް، ނިކަމެއްޗަކަށް އެހީތެރި ވެވުނީތީ އަހަރެން އުފާ ކުރީމެވެ. އަހަރެން އުންމީދުކުރީ ވަރަށް އެކުވެރިކަމާއެކު ދެމީހުންނަށް އުޅެވޭނެ ކަމަށެވެ.

ފިރިމީހާގެ ރޭތައް ބަހާނެ ގޮތްވެސް އަހަރުމެން ތާވަލު ކުރީމެވެ. ހަފްތާއަކު ތިން ރޭ ތިން ދުވާ އަހަރެން ކައިރި އަނެއް ތިން ރޭ ތިން ދުވާ އޭނަ ކައިރީ އޮވެފައި ބާކީ އޮންނަ ދުވަހުގެ ދުވާލު އަހަންނަށް އަދި ރޭގަނޑު އޭނައަށް ދިނުމަށެވެ. އޭނަ އާއެކު ހުންނަ ވަގުތުތަކުގައި ކޮންމެހެން މުހިންމު ކަމެއް ޖެހިގެން ނޫނީ އަހަރެން ފިރިމީހާ އަށް ނުގުޅުމަށާއި ހަމަ އެފަދައިން އެކުވެރިޔާ ވެސް ކަންތައް ކުރުމަށް ނިންމީމެވެ.

ފުރަތަމަކޮޅު ކަންތައްތައް ދިޔައީ އަހަރުމެން ރޭވި ގޮތަށެވެ. ނަމަވެސް މިއަހަރުގެ ފުރަބަންދާއެކު އަހަރުމެންގެ ދިރިއުޅުމަށް ވެސް ބޮޑު ތޫފާނެއް އައެވެ. މާލެ ސަރަޙައްދު ފުރަބަންދު ކުރިއިރު ފިރިމީހާ ހުރީ ހަގު އަނބި ގޭގައެވެ. އެހެންކަމުން އަހަރެން ކައިރިއަށް އޭނާއަށް އެދުވަސްވަރު އާދެވެން ނެތް ކަމަށް ބުންޏެވެ. އަހަރެން ވެސް އެކަން ވިސްނިގެން، ޝަކުވާއެއް ނުކޮށް ހުރީމެވެ.

ނަމަވެސް އެހާލަތުގައި ގެއިން ކާބޯތަކެތި ހުސްވާން ކައިިރިވުމާއެކު އަހަންނަށް އެތަކެތި ގަންނަން ދާން އުނދަގޫވާނެތީ ފިރިމީހާއަށް ގުޅަން ފެށީމެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ފޯނު ނަގަނީ ހަގު އަނތްބެވެ. ފިރިމީހާ ކޮބައިތޯ ސުވާލު ކުރުމުން އޭނާވީ ފާޚާނާ ގައި ކަމަށް، ނުވަތަ ނިދާފައި ކަމަށް ނުވަތަ ނަމާދަށް ކަމަށް ބުނެއެވެ. މެސެޖެއް ދޭން ބޭނުންތޯ ވެސް އެހިއެވެ. ކާއެއްޗެހި ހުސްވާން ކައިރިވާތީ ގުޅި ތިން ދުވަހު ވެސް މިފަދައިން ކަންތައްވުމުން އަހަރެން ވެސް ހިތްހަމަ ނުޖެހެން ފެށިއެވެ. އެންމެ ފަހުން ހަތަރުވަނަ ދުވަހު އަހަރެން ވަރަށް ބޮޑަށް ނުރުހުމާއެކު އެކުވެރިޔާ ގާތުގައި، އަހަރެން މިގުޅަނީ އަހަރެންގެ ވެސް ފިރިމީހާ ހޯދަން ކަމަށާއި އަހަންނަށް އޭނާއާ ވާހަކަ ދެއްކެން ޖެހޭނެކަން ހަނދާން ކޮށްދިނީމެވެ. އަހަންނަށް ވާހަކަ ދެއްކެވުނު ގޮތުން އޭނާ އަވަހަށް ފިރިމީހާ އަތަށް ފޯނު ދިނެވެ. ބޭނުންވާ ކަމެއް ބުނުމުން، ހުއްދަ ނަގައިގެން އެތަކެތި ހިފައިގެން އެރޭ އަންނާނެ ކަމަށް ބުންޏެވެ.

އެރޭ އޭނާ އައެވެ. ނަމަވެސް ހުރީ އަހަރެން ދެކެ ނުރުހިފައެވެ. ފިރިމީހާ އަހަންނަށް ހަނދާން ކޮށްދިނީ އޭނާ ދެ އަނތްބަށް މީހަކާ ކައިވެނި ކުރީ އަހަރެން ބޭނުން ވެގެން ކަމެވެ. އެހެންކަމުން އެފަދައިން އަހަރެން ނުރުހުމުގެ ބަސްތައް ބުނުމުން އަހަރެންގެ ދެ ފުށް ދެގޮތް ކަމަށް ބުނެ އެވާހަކަ އެކުވެރިޔާ ވެސް ބުނި ކަމަށް ބުންޏެވެ. އަހަރެން ވިސްނައި ދޭން އުޅުނު އެއްޗެއް އޭނާއަށް ނުވިސްނުމުން ދެން އިތުރަށް އެއްޗެއް ނުބުނެ އަހަރެން ހުއްޓާލީމެވެ.

އެފަހަރު އަައިސްފައި އަހަރުމެން ކައިރީގައި ދެ ދުވަހު ހުރެލާފައި އަނެއްކާ ވެސް ހުއްދަ ނަގައިގެން ފިިރިމީހާ ހަގު އަނބި ގެއަށް ދިޔައެވެ. އަހަރުމެންގެ ގޭގައި ހުރިއިރު ހަގު އަނބި ގުޅީމަ ފޯނު ނަގާފައި ވާހަކަ ދެއްކިޔަސް އެގެއަށް ދިޔުމަށްފަހު އަހަރެން ގުޅީމަ ފޯނެއް ނުނަގައެވެ. ކުރާ މެސެޖަކަށް ޖަވާބެއް ވެސް ނުދެއެވެ.

ފުރަބަންދު ނިމުމުން ވެސް އެފަދައިން ކަންތައްވުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. އަހަރެން ކުރި ހިތާމައެއް އެދެމީހުންނަކަށް ނުފެނުނެވެ. ހަމައެކަނި ފެންނަނީ ކޮންމެ ފަހަރަކު ވެސް ކުރި ޝަކުވާއެވެ. އޭގެއިތުރުން އަހަރެން ދެކެ އިތުރަށް ފިރިމީހާ ފޫހި ކުރުވަން ހަގު އަނބި ކޮށްފައި ހުރި މެސެޖުތައް ވެސް އަހަންނަށް ފެނުނެވެ. އެހެންކަމުން އަހަރެން ނިންމީ ދެން އެ ގުޅުން ދޫކޮށްލާށެވެ.

އެރޭ ފިރިމީހާ ގާތު އަހަރެން ބުނީ އަހަންނަށް އިހުސާސު ކުރެވެނީ އެހެން މީހެއްގެ ފިރިއެއް ގޮވައިގެން އުޅެވޭ ކަމަށާއި، ދެ އަނބިންގެ މެދުގައި ހަމަހަމަ ކުރެވެން ނެތްނަމަ އަހަރެން މިނިވަން ކޮށްދިނުމަށެވެ. އޭގެތެރެއިން އޭނާ އިޚްތިޔާރު ކުރީ އަހަރެން މިނިވަން ކުރުމެވެ. ނަމަވެސް އަހަންނާއި އަހަރުމެންގެ ދަރިން އެގޭގައި ތިބުމަށް އޭނާ އެދުނެވެ. އަހަރެން ވެސް ދާނެ އެހެން ތަނެއް ނެތުމުން އަދި މިހުރީ އެގޭގައެވެ.

މިހާރު އަހަންނަކީ ގޭގައި އަމިއްލަ މަސައްކަތް ކޮށްގެން އަހަންނާއި އަހަރުމެންގެ ދަރިން ގެ ކަންކަން ބަލަހައްޓާ މިނިވަނެކެވެ. ކުދިންނަށް އެކުދިންގެ ބައްޕަ ކުރަންވާ ޚަރަދެއް ކުރިޔަސް އަހަރެން ވެސް އާމްދަނީ ހޯދަމެވެ."

Ads by HDC
  1. ޚިޔާލު

    ދޮށީ އަނބީގެ ނިންމުން ވަރަށް ވެސް ހިތްވަރު ގަދަ. އެކަހަލަ އަންހެނުން މަދުވާނެ. އެވަރު ދެން ތިބި މީހުންނަށް ނުވިސްނުނީ ކީއްވެބާ! މާތް ﷲ އޭނާއަށްވާ އެންމެ ރަގަނޅު ފިރިއެއް ދެއްވާށި! އަދި އޭނާއަށް ރަގަނޅުގޮތް މިންވަރު ކުރައްވާށި! އާމީން

  2. އައިންތު

    ކިތަންމެ ހެޔޮ ހިތުން މީހަކަށް އެހީވަންވެސް ދެވަނަ އަންހެނަކު ފިރިމީހާއަށް ލިބުމުން މިވާ ގޮތެއް. ފިރިމީހާއަށް ވެސް އޮޅޭވަރު އެހުންނަނީ. މީހަކަށް ހެޔޮކަމެއް ދިނުމުން ލިބުނީ ދަރިންނާއެކު ދެރަ.

  3. ީވިސްނާ

    ތީި ފިރިމީހާގެ ގޮތް އިގެންވެގެން މެދުވެރި ކުރެއްވި އިމްތިހާނެއް.

  4. ޙިޔާލު

    ޢަންހެނުންނަކީ ވަރައްމަކަރުވެރި އެހާއަވަހަށް ހިޔާލު ބަދަލުވާ ބައެ ޙަރީފް މޫސުމުގަ ހުރެފަ ބަހާރު މޫސުމައް އާދެވުނީމަ ދެން ހަނދާނެތް ނުހުންނާނެ ޙަރީފް މޫސުމެއްގެ މަތިން