ޚަބަރު

ކޮންމެ ކަމެއްގައިވެސް އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކުރަން ޖެހޭ: ނައިބު ރައީސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިއަދު ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ، އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތަކުން ސަލާމަތްވެވޭނީ އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް، އަދާވާތްތެރިކަމާއި ނަފްރަތުން ދުރުހެލިވެގެން ކަމުގައި ވިދާޅުވެ، އެކުގައި މަސައްކަތް ކުރުމުގެ ރޫޙު ކުރިއަށް ނެރުމަށް ކޮންމެ ދިވެހި ރައްޔިތަކު ވެސް ޢަޒުމް ކަނޑައަޅައި މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވައިލައްވައިފިއެވެ.

Ads by STELCO

އެ މަނިކުފާނު މި ކަމަށް ގޮވާލައްވައި ވާހަކަފުޅު ދައްކަވާފައި ވަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި މިރޭ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްކުރަންވީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ކަމަށާއި އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ސުލޫކު ހެޔޮ ދަރިންތަކެއް ބިނާކުރެވޭނީ، އަދި ތަރައްޤީ ހާސިލުކުރެވޭނީ، އަދި އަމާން ޤައުމެއް ކަށަވަރު ކުރެވޭނީވެސް އެކުވެރިކަމާއި އެއްބައިވަންތަކަށް އިސްކޮށްގެން ކަމުގައެވެ.

އެކި ޚިޔާލުތަކާއި ވިސްނުންތަކަށް ފުރުޞަތުދިނުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޚިޔާލު ތަފާތުވުމުގެ ބޭނުމަކީ ރަނގަޅު، ބިނާކުރަނިވި އަދި ފައިދާކުރަނިވި ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރުން ކަމުގައެވެ.

ނަމަވެސް، ޚިޔާލު ތަފާތުވުމަކީ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ދެވޭ ފުރުޞަތަކަށް ނުހެދުމަށާއި، އިންސާފުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކާއަށް އިޙްތިރާމް ކުރުމުގެ ރިވެތި އާދަތައް އިސްކުރުމަށް މަސައްކަތް ކުރުމަށް ވެސް އެ މަނިކުފާނު ދިވެހިރައްޔިތުންނަށް ގޮވައިލެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!