ޚަބަރު

އެމްޓީސީސީގެ ލޯންޗު ފެރީގެ ހިދުމަތް ތ އަތޮޅާއި ލ އަތޮޅާ ދެމެދު ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޓީސީސީން ތ އަތޮޅާއި ލ އަތޮޅާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް ފަށައިފިއެވެ.

Ads by Sosun Fihaara

އެމްޓީސީސީން ބުނީ، ތ. އަތޮޅާއި ލ އަތޮޅާ ދެމެދު މި ހިދުމަތް ހަފުތާއަކު ހަތަރު ދުވަހު (ހޮނިހިރު، އާދީއްތަ، އަންގާރަ، ބުރާސްފަތި ދުވަހު) ފޯރުކޮށްދޭނެ ކަމަށެވެ. އަދި ތ އަތޮޅާއި ލ އަތޮޅާ ދެމެދުގެ ފުރަތަމަ ދަތުރު 29 ޑިސެމްބަރ 2020 ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ތ އަދި ލ އަތޮޅާ ދެމެދެ ފަށާ ލޯންޗު ފެރީގެ ހިދުމަތް ދޭ ރޫޓްގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި ލ. ގަމެވެ. އެގޮތުން މި ހިދުމަތުގައި ތ. ވޭމަންޑޫން ތ. ތިމަރަފުއްޓަށް އެއްކޮޅު ޓިކެޓުގެ އަގަކީ 75 ރުފިޔާއެވެ. ތ. ވޭމަންޑޫ އަދި ތ. ތިމަރަފުށިން ލ. ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250 ރުފިޔާއެވެ.

އެމްޓީސީސީން ވަނީ އެ ޚިދުމަތް ފެއްޓުމުގައި އެކުންފުންޏާއެކު ގާތުން މަސައްކަތްކޮށްދެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޒް ފައްޔާޒް އިސްމާއިލް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ، ލ.ގަމު ދާއިރާގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމް އަދި ލ. ފޮނަދޫ ދާއިރާގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!