ރިޕޯޓް

"ނިއު އިއާރ، ނިއު މީ" އޭ ބުންޏަކަސް ނުވާނެ، އައު އަހަރަށް އައު އަޒުމްތަކެއް ކަނޑައަޅާ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

2020 ވަނަ އަހަރު އަހަރެމެންނަށް އެތައް ފިލާވަޅުތަކެއް ނަގައިދިނުމަށް ފަހު މިއަދު އަލްވަދާއު ކިޔާނެއެވެ. ކޮވިޑް-19ގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުން ސުންނާފަތި ކުރުވި މި އަހަރު ނިމިގެންދާއިރު ވިސްނާލަން ޖެހޭ އެތައް ކަންތައްތަކެއް އެބަހުއްޓެވެ. ލިބިގަންނަން ޖެހޭ އިބުރަތް ތަކެއް ވެސް އެބަހުއްޓެވެ. ކަނޑައަޅަން ޖެހޭ އަޒުމުތަކެއް ވެސް އެބަހުއްޓެވެ. ދައްކަން ޖެހޭ ވާހަކަތަކަކާއި ކުރަން ޖެހޭ ކަންތައްތަކެއް ވެސް އެބަހުއްޓެވެ.

Ads by Sosun Fihaara

ކޮންމެ އަހަރަކު ވެސް އަހަރު ނިމޭ ދުވަހު މީސްމީޑިއާ ފުރާލެވިފައި އޮންނާނީ އައު އަހަރުގެ ތަހުނިޔާތަކުންނެވެ. އައު އަހަރު ފާހަގަ ކުރަން ކުރާ ކަންތައްތައް ފޮޓޯ ނަގައި ލާ މީހުން ވެސް އުޅެއެވެ. އަދި ވަރަށް ފައްކާ ކަމެއް ވެސް ބަޔަކު ކުރެއެވެ. އައު އަހަރާ ދިމާކޮށް ފަރިވެލައިގެން ފޮޓޯއެއް ނެގުމަށްފަހު. "ނިއު އިއާރ ނިއު މީ" ޖަހާފައި ފޮޓޯ އަޕްލޯޑް ކުރާ މީހުންނެވެ. އައު އަހަރަށް މީހާ ބަދަލުވީ ކަން އަންގާލުމަށެވެ. 

ހަގީގަތުގައި ވާ ބަދަލެއް ހަރާމުން ހަރާމެވެ. ކަނޑައަޅާ އަޒުމެއް ވެސް އޮންނަ ކަމެއް ނޭނގެއެވެ. އަދި އަޒުމެއް ކަނޑަ އެޅިޔަސް އޭގައި ސާބިތުކަމާ އެކު ހިފަހައްޓައިގެން ތިބެވެނީ މަދު ބަޔަކަށެވެ. ކަށީގައި ހިފާފައި ހުންނަ ވިޔާނުދާ އާދަތައް ފިލުވައިލުން އަދި ވެގެން ދަނީ މާ އުނދަގޫ ކަމަކަށެވެ. އެހެން ކަމުން ދެ ދުވަހެއް ނުވެ އައު އަހަރަށް ކަނޑައަޅައި އަޒުމްތައް ހަނދާން ނެތި ހަމަ މަގުން އަނެއްކާ ވެސް ކައްސާލަނީއެވެ. 

2020ވަނަ އަހަރު އަހަރެމެން ދޫކޮށް ވަކިވެގެން މިދަނީ އަހަރެމެން ހުސްއަތާ ދޫކޮށްފައެއް ނޫނެވެ. އެތަކެއް ފިލާވަޅުތަކެއް ދަސްކޮށްދިނުމަށް ފަހުގައެވެ. ހަނދާނުން ދުވަހަކުވެސް ފޮހެ ނުލެވޭފަދަ އެތައް ހަނދާންތަކެއް ދޫކޮށްފައެވެ. އުފަލާއި ހިތާމައެވެ. އެކުވެރިކަމާއި ރުޅިވެރިކަމެވެ. އިހްލާސްތެރިކަމާއި މަކަރުވެރިކަމެވެ. ވަފާތެރިކަމާއި ކެހިވެރިކަމެވެ. 

ހަމަ ގައިމުވެސް 2020ވަނަ އަހަރު ފާއިތުވެ މިދަނީ އަޅުގަނޑުމެންނަށް ރަނގަޅު އެތައް އެކުވެރިންތަކެއް ދޫކޮށްފައެވެ. އަދި އަހަރެމެންނަށް ހެޔޮނޭދޭ އެތައް ބަޔަކު އަހަރެމެންގެ ދިރިއުޅުމުން ބޭރު ކޮށްފައެވެ. ހިނގައިދިޔަ ހުރިހައި ކަމަކީ ވެސް ރަނގަޅަކަށް ވީ ކަންކަން ކަމުގައި ދެކި އެކަންކަމަށް ޝުކުރުވެރި ވަމާ ހިނގާށެވެ. 

2020 ވަނަ އަހަރުގައި ވެސް އަހަރެމެންނަށް އެތައް ގޯސްތަކެއް ހެދިފައި ހުންނާނެ ކަން ޔަގީނެވެ. އެކަންވާނީ ވެސް އެހެންނެވެ. ކުށެއް ނުކުރާ އެއްވެސް މީހަކު އަހަރެމެންގެ ތެރޭގައި ނޫޅޭނެއެވެ. އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހާއެއް ނޫނެވެ. ނަމަވެސް 2021 ވަނަ އަހަރަށް އަހަރެމެން ކުރިމަތިލާން ތައްޔާރުވެފައިވާއިރު، 2020ވަނަ އަހަރު ހެދުނު ގޯސްތައް ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ. 2020 ވަނަ އަހަރު ކުރެވުނު ކުށްތަކަށް ތައުބާވެ އެކަންތައްތައް ނުކުރުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ. 

2020 ވަނަ އަހަރަށް އަހަރެމެން އަޒުމް ކަނޑައަޅަންވީ ފަސްވަގުތު ނާޅާ ނަމާދު ކުރުމަށެވެ. އަޒުމް ކަނޑައަޅަންވީ އެހެން މީހުންނަށް އިހްތިރާމް ކުރުމަށެވެ. އަމިއްލަ އުފާވެރިކަން އެކަނި އިސްނުކޮށް، އަނެކާގެ އުފާވެރިކަމާ ދޭތެރޭ ވެސް ވިސްނުމަށެވެ. ރުޅިވެރިކަން ދޫކޮށް އެއްބައިވަންތަކަން އާލާ ކުރުމަށެވެ. އެހެން މީހުންގެ ކާމިޔާބީ ފެނި ހަސަދަވެރި ނުވުމަށެވެ. އަނެކުންގެ ދިރިއުޅުމަށް ވިހަ ލަމުން ދުވާ "ހަރުފަ" އަކަށް ނުވުމަށެވެ. އެހެން މީހުންގެ ނެތިނުބައި ކުރުން ހުއްޓާލާ މުޖުތަމައު ރަނގަޅު ކުރުމަށް "ފަރުދީ ޒިންމާ" ނެގުމަށެވެ. ކޮންމެ ގޮތެއް ވަރިހަމަ ނުވެ މުންކަރާތްތައް ނަހީ ކުރުމަށެވެ. 

2020 ވަނަ އަހަރު އަހަރެމެންނަށް ދޫކޮށްފައި އެދާ އަގުހުރި ފިލާވަޅުތަކުގައި ހިފައި ނަފްސު އިސްލާހު ކުރަމާ ހިނގާށެވެ. އެކަކު އަނެކަކަށް ހެޔޮ ކަންތަކަށް ވާގިވެރިވެ ހަރުދަނާ މުޖުތަމައެއް ބިނާ ކުރެވޭ ތޯ މަސައްކަތް ކުރަމާ ހިނގާށެވެ. ހަމައެކަނި "ނިއު އިއާރ، ނިއު މީ"އޭ ޖަހާލުމަށް ފަހު ނިންމާލައިގެން ފަރަކު ނުޖެހޭނެއެވެ. ހަގީގަތުގައި ވެސް އައު އަހަރާއެކު އައު މީހަކަށް ވަމާ ހިނގާށެވެ. 2020 ވަނަ އަހަރު މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާނަމަ ނުވަތަ ހިތުގައި ޖެހޭ ފަދަ ކަމެއް ކުރެވިފައި ވާނަމަ ނުވަތަ ބަހެއް ބުނެވިފައިވާނަމަ މައާފަށް އެދޭށެވެ.

މި ފެށޭ 2021 ވަނަ އަހަރަކީ އަޅަމެން އެންމެންނަށް ހުރިހާ ގޮތަކުން ވެސް އުފާ ފާގަތި އަހަރެއް ކަމުގައި ލައްވާފާންދޭވެ. އާމީން!

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!