މުނިފޫހިފިލުވުން ދިވެހި ސިނަމާ

ނިމުނީ ތަދު އަހަރެއް، އުންމީދަކީ 2021 އަކީ ދާއިރާއަށް ފާގަތި އަހަރަކަށްވުން: ޑާކްރެއިން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމީ ދާއިރާއަކީ ކޮންމެ އަހަރަކު ވެސް އެތައް ބައިވަރު ފިލްމެއް ނެރޭ އަދި އެތައް ބައިވަރު ޑްރާމާ ސީރީޒެއް ވެސް އުފައްދާ ދާއިރާއެކެވެ. ރެއާއި ދުވާލު، ބައެއް ފަހަރު ދޭހާ އަތްވަކާއި ވެހޭހާ ވާރެއެއްގައި ވެސް އެފަންނާނުން މަސައްކަތް ކުރަމުންދަނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ހުއްޓުމެއް ނައިސް ދާއިރާ ކުރިއަށް ގެންދެވޭތޯއެވެ.

Ads by Sosun Fihaara

އެފަދަ ބުރަ މަސަައްކަތެއް ކުރާ އެއް ބަޔަކީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީ ގައި އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އެއް ޕްރޮޑަކްޝަންހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓެވެ. އެކްޝަން ފިލްމުން ރޮމޭންޓިކް ފިލްމަށް އަދި ތްރިލަރ އާއިސަސްޕެންސްގެ އިތުރުން ކޮމެޑީ ޖޯންރާއަށް ވެސް އެތައް ފިލްމަކާއި ޑްރާމާއެއް އުފައްދާފައިވާ ޑާކްރެއިން އަށް ނިމިދިޔަ 2020 ވަނަ އަހަރު ވެފައިވަނީ ތަންކޮޅެއް ތަދު، އެހެން ނަމަވެސް އެމީހުންގެ ގަދަ ހިތްވަރާއެކު ހަމަ ކުރިއަށް ދިޔަ އަހަރަކަށެވެ.

ޑާކްރެއިނުން މިދިޔަ އަހަރު މަސައްކަތްކުރި ފިލްމެއްގެ ޝޫޓިން ތެރެއިން/ ފޮޓޯ: ޑާކްރެއިން އެފްބީ

މިދިޔަ އަހަރު ޑާކްރެއިނަށް ކުރިމަތިވި ކަންތައްތަކާ ގުޅޭގޮތުން ކުރު ޚުލާސާއެއް ދެމުން "ދެން" އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ޑާކްރެެއިން ގެ ބާނީ މުޙައްމަދު ޢަލީ (މޮގާ) ބުނީ ކޮވިޑާ ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދު ކުރުމުން ވެސް، ޑާކްރެއިނުން ކުރިއަށް އޮތްތަނުގައި ކުރާނެ މަސައްކަތްތައް ފޯނުން ގުޅައިގެން އެކަކު އަނެކަކާ ވާހަކަ ދައްކާ މަޝްވަރާ ކުރަމުން ދިޔަ ކަމަށެވެ.

ފަންނާނުންނަށް އެންސީއޭ ގެ ފަރާތުން އެހީއެއް ނުލިބުނު

ދިވެހިފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް ބަލާއިރު، ބައެއް މީހުން މިމަސައްކަތް ހަމައެކަނި ހޮބީއެއްގެ ގޮތުގައިކޮށް، ދާއިމީ ވަޒީފާއެއްގެ ގޮތުން އެހެން މަސައްކަތްތަކެއް ކުރި ކަމުގައި ވިޔަސް، މިދާއިރާގައި ހަމައެކަނި މިމަސައްކަތުން އެކަނި ލިބޭ އެއްޗަކަށް ބަރޯސާ ވެގެން އުޅޭ ފަންނާނުން ވެސް މަދެއް ނޫނެވެ.

އެފަދަ ފަންނާނުންނަށް ނިމިގެންދިޔަ 2020 ވަނަ އަހަރު ވެގެންދިޔައީ ވަރަށް ވެސް ދަތިކަމަކާއި އަދި ގޮންޖެހުންތަކަކާ ކުރިމަތިވި އަހަރަކަށެވެ. ސަބަބަކީ ކޮވިޑްގެ ސަަބަބުން ފިލްމީދާއިރާގެ މަސައްކަތްތައް ގިނަ ދުވަސްތަކަކަށް މެދުކަނޑާލަން ޖެހުމެވެ. އެކަމުގެ ސަބަބުން އެފަދަ ފަންނާނުންގެ އަތްމަތި ވެސް ދަތިވުމެވެ.

އެހެންކަމުން ފަންނާނުންގެ އުންމީދަކަށް އެއިރުވީ، ދާއިރާގެ ބެލެނިވެރި ފަރާތެއް ކަމަށް ބެލެވޭ ނޭޝަނަލް ސެންޓަރ ފޮ އާޓްސް (އެންސީއޭ) އިން އެފަދަ ފަންނާނުންނާމެދު އަޅާލާތޯ ބަލާ، އެހީތެރިކަމެއް ލިބޭތޯ މަސައްކަތް ކުރުމެވެ.

ނަމަވެސް ޑާކްރެއިނުން ފާހަގަ ކޮށްފައިވާ ގޮތުގައި ފިލްމީ ދާއިރާއަކީ، ނުވަތަ މުނިފޫހިފިލުވުމުގެ ދާއިރާއަކީ އެންސީއޭއިން މާބޮޑު އަޅާލުމެއް ދީފައިވާ ދާއިރާއެއް ނޫނެވެ.

އެގޮތުން މިފދަ ހާލަތެއްގައި ފަންނާނުންނާމެދު ކަންތައް ކުރާނީ ކިހިނެއްތޯ، އެންސީއޭ ގެ ފަރާތުން ވިސްނާފައިވާހެން ހީނުވާކަން ފާހަގަ ކުރަމުން ޑާކްރެއިން ގެ ފަރާތުން ބުނީ އޮލިމްޕަސް ހުޅުވާނެ ތާރީޚެއް ވެސް އެނގިފައިނުވާ ކަމަށެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ އެކަމާ ދޭތެރޭ އެބޭފުޅުން ވިސްނަވާހެން ވެސް. އެހެން މިދެންނެވީ މިކަހަލަ ބޮޑު ކަމެއް ވެގެން ދިޔައިރު އެބޭފުޅުންނަށް ވަރަށް ބޮޑު ކަމެއް ކޮށްދެވުނީސް ކަމަށްވާނެހެން އަޅުގަނޑަށް ހީވަނީ ޓީވީއެމް ލައްވާ މިދާއިރާގެ މަސައްކަތްތައް ކުރާ (ފިލްމު އެއްޗެހި ހަދާ) މީހުން ގެންގޮސް ބިޑު އުސޫލުން ބާއްވަންށޭ މިއުޅެނީ މިފަދައިން ވާހަކަ ނުދައްކާ، ކޮންމެ ޕްރޮޑަކްޝަން ހައުސް އަކަށް ވެސް އެއްޗެއް ހެދުމުގެ ފުރުސަތު ދިނިއްޔާ." މޮގާ ބުނެފައިވެއެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ އެކަހަލަ އެއްވެސް ދުރު ވިސްނުމެއް އެބޭފުޅުންގެ ހުރިހެން. އެބޭފުޅުން ވަނީ ހޮރަކަށް"

ދަތި ދުވަސްވަރު ވެސް ޑާކްރެއިން ދިޔައީ ކުރިއަށް

ކޮވިޑްގެ ސަބަބުން ފިލްމީދާއިރާގެ އެތައް މަސައްކަތްތަކެއް މެދުކަނޑާލަން ޖެހިފައިވީ ނަމަވެސް، ލިބެން ފެށި ލުއިތަކާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން 2020 ވަނަ އަހަރު ޑާކްރެއިނުން އެމީހުންގެ މަސައްކަތްތައް ކުރިއަށް ގެންދިޔަކަން ފާހަގަ ކުރެވެއެވެ.

އެގޮތުން ފުރަބަންދުން ލުޔެއް ލިބުމުން އެޕްރޮޑަކްޝަން ހައުސް ގައި އާއްމުކޮށް މަސައްކަތް ކުރާ އެކްޓަރުންނަށް މަސައްކަތެއް ދިނުމުގެ ގޮތުންނާއި އައު ޕްރޮޑަކްޓެއް އުފެއްދުމަށްޓަކައި ޑާކްރެއިނުން ވަނީ ބައެއް ކުރު ވީޑިއޯ ކްލިޕްކޮޅު ވެސް އުފައްދާފައެވެ.

ޑާކްރެއިންގެ 2020ގެ މަސައްކަތްތައް

ޑާކްރެއިން އެންޓަޓެއިންމަންޓުން 2020 ގައި ނިންމި، އަދި އިތުރަށް މަސައްކަތް ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ "ނޮވެމްބަރ" ގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން "ބަޅިނދު" އާއި "ބީވީމާ" ގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު "ރޫމީ އާ ޖަންނަތު" ކިޔާ ސީރީޒެއްގެ މަސައްކަތް ވެސް ކުރުމަށްފަހު އެސީރީޒް މިއަދު ވަނީ ދައްކަން ފަށާފައެވެ.

"ރޫމީ އާ ޖަންނަތު" ކާސްޓު/ ފޮޓޯ: ޑާކްރެއިން އެފްބީ ޕޭޖު

"ރޫމީ އާ ޖަންނަތު އަޅުގަނޑުމެން ހަދަން ނިންމީ މާލީ ހާލަތު ވަރަށް ގޯސްވާނެ ކަމަށް ލަފާ ކުރެވި، ސިނަމާތައް ހުޅުވޭނެ ތާރީޚެއް އެނގިފައިނުވާތީ. އެހެންވީމަ އަޅުގަނޑުމެން ފިލްމު ކިތަންމެ ގިނައިން ހެދިޔަސް ޖެހޭނީ އަދި ބަހައްޓަން ނޫންތޯ. މިހާރު އާ އެއްވެސް އެއްޗެއް އަނެއްހެން އެއްވެސް ތަނެއްގައި ނެތީމަ، ދިވެހި ފިލްމުތައް ބެލުމަށް ލޯބިކުރާ މީހުންނަށް އެއްޗެއް ދައްކައިދިނުމުގެ ގޮތުން އަޅުގަނޑުމެން މިސީރީޒް ތައްޔާރު ކުރީ" މޮގާ ބުނެފައިވެއެވެ.

މޮގާ ބުނި ގޮތުގައި 2020 އަހަރަކީ ޑާކްރެއިނުން ވަރަށް ތަފާތު އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމި އަހަރެއް ކަމަށެވެ. އެހެންނަމަވެސް އެއަހަރު ވެގެން ދިޔައީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި އަހަރެއް ނަމަވެސް، ޑާކްރެއިން ގެ ޓާގެޓާ ހަމައަށް ވާސިލުވަމުން ދިޔަ ކަމަށް ވެސް މޮގާ ބުންޏެވެ.

"މާލީ އުނދަގޫތަކެއް ހަގީގަތުގައި މިއުޅެނީ ފިލްމުތަކެއް ހަދާފައި ބަހައްޓަން ޖެހޭތީ. އެއްވެސް ގޮތަކަށް އޭގެން އާމްދަނީ އެއް ލިބޭނެ ކަހަލަ ގޮތަކަށް ނޫން ކަންތައްތައް ގޮސްފައިމިވަނީ. ޑާކްރެއިންގައި އުޅެފައި ތިބި އެއްބައި މީހުންގެ އެކި ކަހަލަ ކަންތައްތަކާ ހެދިވެސް އެބަހުރި ޑާކްރެއިންގެ އެއްބައި ޕްރޮޖެކްޓުތައް ބެހެއްޓިފައި މިހާރު. އެދެން ވަކި ގޮތެއް ނިމެންދެން އަޅުގަނޑުމެން އެއެއްޗެހި ބަހައްޓާނަން" މޮގާ ބުންޏެވެ.

ފާޅުކޮށްފައިވާ އެންމެބޮޑު ކަންބޮޑުވުން

ފަންނާނުންނާމެދު އެންސީއޭ އިން މާބޮޑު އަޅާލުމެއް ނުބަހައްޓާކަން ފާހަގަ ކުރަމުން، ޑާކްރެއިނުން ބުނެފައިވަނީ ރާއްޖޭގައި ހަގީގަތުގައި މިދާއިރާއަށް އެއްވެސް ފަރާތަކުން މާބޮޑު އަޅާލުމެއް ދީފައިނުވާ ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން އިންކަމްސަޕޯޓް އެލަވަންސެއް ފަންނާނުންނަށް ދޭން ހަމަޖެހުނު ކަމަށް ބުނި ކަމުގައި ވިޔަސް އެކަން ވެސް ހަމަޖެހިފައި ނުވާކަން ޑާކްރެއިނުން ފާހަގަ ކޮށްފައިވެއެވެ.

"އެއްވެސް ސަރުކާރަކުން މާބޮޑު އަޅާލުމެއްް ކުރިއެރުވުމެއް ދިން ދާއިރާއެއް ނޫން ހަގީގަތުގައި މުނިފޫހިފިލުވުމުގެ ދާއިރާ އަކީ." މޮގާ ބުންޏެވެ.

"މިދާއިރާއަށް ކިރިޔާ ވެސް ކަމެއް ކޮށްދިނީ ރައީސް ވަހީދު ސަރުކާރުން. އެސަރުކާރުގައި އޮލިމްޕަސް އޭސީ ކޮށްދީ އަލުން ހުޅުވި"

"ބަޅިނދު" ޕޯސްޓަރ

ދާއިރާއިން ލިބޭ މަންފާއާއި ކުރިއަށް ދިޔުމުގައި ލިބޭ އެންމެ ބޮޑު ހިތްވަރު އަދި ކުރާ އުންމީދު

ގިނަ ބަޔަކަށް ހީވެފައިވާ ގޮތުގައި ފިލްމީ ދާއިރާއަކީ ވަރަށް ގިނަ ފައިސާ ނުވަތަ އާމްދަނީއެއް ލިބޭ ދާއިރާއެކެވެ. ނަމަވެސް ޑާކްރެއިނުން ބުނި ގޮތުގައި، ކުރާ މަސައްކަތާ އަޅާބަލާއިރު މިއީ އެދެވޭވަރުގެ އުޖޫރައެއް ލިބޭ މަސައްކަތެއް ނޫނެވެ.

ނަމަވެސް މިމަސައްކަތަށް ޖެހިފައި ހުންނަ ލޯތްބެއްގެ ސަބަބުންނާއި، ފަންނާނުން ގެ "ޑެޑިކޭޝަން" އާއި ހިތްވަރުގެ ސަބަބުން އިތުރަށް ކުރިއަށް ދެވޭތޯ މަސައްކަތް ކުރަނީ ކަމަށް ވެސް ޑާކްރެއިނުން ބުނެފައިވެއެވެ. ޑާކްރެއިން ކުރިއަށް ދިޔުމުގެ ފަހަތުގައި ތިބީވެސް އެމީހުންގެ ހީވާގި ޓީމުކަން މޮގާ ވަނީ ފާހަގަ ކޮށްފައެވެ.

"ނިމިގެން މިދިޔައީ ތަދު އަހަރެއް. އުންމީދަކީ ދާއިރާ ބާކީ ނުކުރުން. 2021 އަކީ މިދާއިރާއަށް ފާގަތި އަހަރަކަށްވުން"

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!