ރިޕޯޓް

ޒުވާނުންގެ ބުރަ މަސައްކަތާއެކު ވިހިއެކާވީހަށް ލަންދޫ މަރުހަބާ ކީ ހިތްގައިމު ކުޅިދޮށު ޕާކުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ލަންދޫ ނޭޗަރ ޕާކް

ނ.ލަންދޫއޭ ބުނެފި ނަމަ ގިނަބަޔަކަށް ތަސްވީރު ވެގެން ދާނީ ކުއްޅަވަކެއް ނުވަތަ ކުއްޅަވަށް ފަނިތައްޓެއް ކަން ޔަގީނެވެ. ޒަމާނުއްސުރެ ވެސް ނ.ލަންދޫ މަޝްހޫރުވެފައި ވަނީ ރާއްޖޭގައި އެންމެ ކުއްޅަވަށް ގިނަ ރަށުގެ ގޮތުގައެވެ. ލަންދޫއިން މާލެއަށް ހަދިޔާ ފޮށިގަނޑެއް ފޮނުވި ނަމަވެސް ލަންދޫގެ ކުއްޅަވަށް އޭގައި ނުހިމެނި ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.

Ads by STELCO

ރާއްޖޭގެ ތާރީހުން އެނގޭ ގޮތުގައި 6 ވަނަ ގަރުނުގައި ވެސް އެރަށުގައި މީހުން ދިރިއުޅެފައިވެއެވެ. އެއީ ރާއްޖެ އިސްލާމްވުމުގެ ވެސް މާ ކުރިންނެވެ. ރާއްޖެ އިސްލާމްވީ 12ވަނަ ގަރުނުގައެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ލިޔުންވެސް ފެނިފައި ވަނީ ލަންދޫންނެވެ. އެލިޔުން ހިމެނޭ ގައު މިހާރު ވެސް ދާރުލްއާސާރުގައި އެބަ އޮތެވެ. އާސާރީ ގިނަ ތަންތަނެއް ހުންނަ މިރަށުގެ "މާބަދިގެ" ނުވަތަ އެރަށު މީހުންގެ ނަމުންނަމަ "ހައްކަ" އަކީ ވެސް އެ ރަށުގެ ފަޚުރެކެވެ.

ލަންދޫގެ އަކީ ޗަކަބިން ބޮޑު ހިތްގައިމު ރީތި ރަށަކަށް ވީ ނަމަވެސް ރަށުގެ ރައްޔިތުންނަށް އަދި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް ރަށުގެ ހިތްގައިމުކަން މީގެ ކުރިން މާ ބޮޑަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން، ރަށުގެ ޒުވާނުންގެ ޓީމެއް އިސްނަގައިގެން ވިސްނީ ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލަންދޫގެ ގުދުރަތީ ރީތިކަން ދައްކާލެވޭނެ ގޮތަކާމެދުގައެވެ. އެގޮތުން އެރަށުގަައި ނޭޗަރ ޕާކެއް ހެދުމުގެ މަސައްކަތް ފެށުނެވެ.

ބުރަ މަސައްކަތާއެކު ނިންމާލެވުނު މި ނޭޗަރ ޕާކު މިއަދު ވަނީ ހުޅުވާފައެވެ. މި ނޭޗަރ ޕާކު ލަންދޫގެ ޒުވާނުންގެ ބުރަ މަސައްކަތާއެކު ހަދާފައިވަނީ ތިން ބަޔަކަށެވެ. އެ ތިން ބަޔަށް ވެސް ދީފައި ވަނީ ދިވެހިވަންތަ ނަންތަކެކެވެ. ފަރުމާާވެސް ކޮށްފައި ވަނީ ދިވެހިވަންތަ "ސްޓައިލް" އަކަށެވެ. ކުޑަކުދިން ގޮވައިގެން ގޮސް އުނދޯލި ހެއްލާލުމުގައި މުޅި ހަވީރު ވެސް އާއިލާތަކަށް ފޫހި ކަމެއް ނެތި ހޭދަކޮށްލެވޭނެ ކަން ގައިމެވެ. ވަށައިގެން ރީތި ފެހި ގަސްތައް ވަށާލެވިފައި އޮންނައިރު ފެންގަނޑުގައި ގިނަ އަދަދެއްގެ ރީތި މަސް އުޅެއެވެ. ކޮންމެއަކަސް ލަންދޫގެ މި ހިތްގައިމު ޕާކަށް ތައުރީފް ކުރަން ވެއްޖެނަމަ އެކަމަކަށް ނިމުމެއް ނެތެވެ. އެހެންކަމުން އެކަން ހުއްޓާލީއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނޭޗަރ ޕާކު ހެދުމަކީ މިއަދު އައު ކަމެއް ނޫނެވެ. އަދި ވަކިން ހާއްސަކޮށް ޗަކަބިން ބޮޑު މިފަދަ ރަށްރަށުގައި ނޭޗަރ ޕާކު ހެދުން މިއަދު މިވަނީ އާންމު ކަމަކަށް ވެފައެވެ. ކަން މިހެން ހުރި ނަމަވެސް ލަންދޫގެ ޒުވާނުންގެ ވާހަކައިގެ ރާގު ތަފާތެވެ. ލަންދޫ ޒުވާނުން ބުނަނީ އެރަށުގައި އެއޮތް ވަރުގެ ނޭޗަރ ޕާކެއް ރާއްޖޭގެ އެހެން އެއްވެސް ތަނެއްގައި ނޯންނާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ވެސް އެޒުވާނުން އަރުވައެވެ.

މި މަސައްކަތަކީ ރަށުގެ ޒުވާނުން އިސްނަގައިގެން ކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކުރިއަށް ގެންދެވުނު ބިޔަބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުނު އެއް ފަރާތްކަމުގައިވާ އަހްމަދު ރަޝީދު (ލައިބު) ބުންޏެވެ.

ލަންދޫ ކުޅިދޮށު ޕާކުގެ މަސައްކަތް ފެށިގެން ދިޔައީ 7 ސެޕްޓެމްބަރުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން މި ޕާކު ނިންމާލުމަށް، ދެމަހަށް ވުރެ ގިނަ ދުވަސް އެރަށުގެ ރައްޔިތުން ހޭދަކުރިއެވެ. އެ މަސައްކަތުގައި ލަންދޫގެ ހަމަ ކޮންމެ ރައްޔިތެއްގެ ވެސް ހިއްސާ ހިމެނެއެވެ. އެ މަސައްކަތުގައި އިސްނެގި ޒުވާނުންނަށް ހިތްވަރެއް ލިބިގެން ދިޔައީ ވެސް ރައްޔިތުންގެ ފަރާތުން ލިބިގެން ދިޔަ އެއްބާރުމުގެ ސަބަބުންނެވެ. މަސައްކަތް ފެށި ދުވަހުން ފަށައިގެން ވެސް މަސައްކަތް ކުރާ ތަނަށް ރަށުގެ އަންހެނުންގެ ފަރާތުން އެކި ކަހަލަ "ޖާފަތް"ތަކާއި ކެއުންތައް ލިބިގެން ދިއުމަކީ މަސައްކަތް ކުރަމުން ދިޔަ ޒުވާނުންނަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ.

މި މަސައްކަތް ކުރުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓެއް ނެތުން ކަމަށާއި އެންމެ ފުރަތަމަ މަސައްކަތް ފެށީ ޒީރޯ ބަޖެޓަކުން ކަމަށް "ދެން"އާ ވާހަކަ ދައްކަމުން ލައިބު ބުންޏެވެ. އެހެން ނަމަވެސް ފައިސާއިން ބަލަންޏާ މިއީ ދެލައްކައެއްހާ ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ. މި މަސައްކަތުގައި ކައުންސިލާއި ރައްޔިތުން އަދި މަސައްކަތަށް "ޑޮނޭޓް" ކޮށްދީ އެހީތެރިވެދެެއްވި އެންމެހާ ފަރާތްތަކަށް އޭނާ ޝުކުރު އަދާ ކުރިއެވެ.

ވިހިއެކާވީސް ވަނަ އަހަރު އަޅުގަނޑުމެންނާ ބައްދަލު ކޮށްފައިވާއިރު ލަންދޫގެ ޒުވާނުން އައު އަހަރަށް މަރުހަބާ މިކީ ކުޅިދޮށު ޕާކުންނެވެ. ލަންދޫގެ ގުދުރަތީ ރީތިކަން ބަލައިލުމަށް މުޅި ރާއްޖެއަށް ވެސް ދައުވަތު ދެމުންނެވެ. އަދި މިއީ ލޯކަލް ޓުއަރިޒަމް އެރަށުގައި ކުރިއެރުވުމަށް އެޅުނު ބިންގަލެއްކަމުގައި ދެކި އެތަކެއް ފޮނި އުއްމީދު ތަކެއް ވެސް ކުރަމުންނެވެ. ރީތި ނޭޗަރ ޕާކެއް ބަލާލަން ބޭނުން ނަމަ ނޫނު އަތޮޅު ލަންދޫއަށް ޒިޔާރާތް ކޮށްލަން އަވަހަށް ދަތުރު ހަދާށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!