އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިނގިރޭސި ވިލާތުގެ 2 ފަތުރުވެރިޔަކު ފައްސިވެއްޖެ

އއ.އުކުޅަހަށް ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ފައްސިވެފައި ވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ ފަތުރުވެރިންނެވެ. އެއީ 5 އަހަރުގެ އަންހެން ކުއްޖަކާއި، 40 އަހަރުގެ ފިރިހެނެކެވެ.
އުކުޅަހު ކައުންސިލްގެ ނައިބް ރައީސް އާ ހަވާލާދީ “ޕީއެސްއެމް ނިއުސް” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފައްސިވެފައިވަނީ އެރަށުގެ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރުމަށް އައި އެއް އާއިލާއެއްގެ ދެމީހުންނެވެ.
މި ދެމީހުން ފައްސިވެފައިވާ ކަން އެނގިފައިވަނީ އިއްޔެ ނެގި ސާމްޕަލްތަކުންނެވެ.
މި ދެމީހުން މިހާރު އެކަހެރި ކުރެވިފައިވާއިރު، އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް އުކުޅަހު ކައުންސިލާއި ރަށު ކޯވިޑް ޓާސްކްފޯސް ގުޅިގެން އަންނަނީ ކުރަމުންނެވެ.