ދީން

ރޭގަނޑު ނިދިން ހޭލެވިއްޖެ ނަމަ މި ޒިކުރުކޮށް، ކުރާ ދުޢާ އިޖާބަ ކުރައްވާނެ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ ވެސް އާޚިރަތް ބާއްޖަވެރި ކުރުމަށް އެދޭނެ މީހެކެވެ. މީގެ އިތުރުން ކޮންމެ މީހަކު ވެސް ވަނީ ދުނިޔެވީ އެތައް ކަމަކަށް ބޭނުން ވެގެންނެވެ. އެތައް ކަމެއް ދަތިވެ ، އެތައް ކަމެއް ކުރުމުގެ ފުދުންތެރިކަން ނުލިބިފައެވެ.

Ads by STELCO

މިކަންކަމާ އެކު ވެސް ހައިރާންވާން ޖެހޭ ކަމަކީ ހުރިހާ އާރަކާއި ބާރެއް ލިބިވޮޑިގެންވާ އިލާހު ، ﷲ ސުބުހާނަހޫ ވަތަޢާލާއާ މެދު އަހަރެމެންގެ ހިތްތަކާއި ނަފްސުތައް ޣާފިލްވުމެވެ. ފަލާޙާއި ކާމިޔާބު ހޯދުމަށް އިއްވޭ ނިދާއަށް ބީރު ކަންފަތެއްދީ ކާމިޔާބު ހޯދަން މަސައްކަތް ކުރުމެވެ.

ހުރިހާ މޮޅެއް ވެސް ލިބެން އޮތީ އެ އިލާހު އަންގަވައިފައިވާ ގޮތުގައެވެ. އެއިލާހުގެ ޙަޟްރަތަށް ދެންނެވޭ ދުޢާ އިންނެވެ. އެހެންކަމުން ކާމިޔާބާއި މުހުތާދުތައް ފުރިހަމަވާން އެދޭ މީހާއަށް އޮތީ އެކަމުގެ ޢިލްމު އުނގެނުމެވެ. ދުޢާ ކުރުމުގެ އަދަބުތަކާއި ދުޢާ އިޖާބަ ކުރެވިގެންދާނެ ކަމަށް ޙަދީޘް ބަސްފުޅުތަކުން އައިސްފައިވާ ޚާއްޞަ ވަގުތުތައް ދެނެ، އެވަގުތުތަކުގައި ދުޢާ ކުރުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުމެވެ. އެގޮތުން އަހަރެމެންނަށް އެންމެ ފަރުވާކުޑަ ކުރެވޭ އެއް ވަގުތަކީ ރޭގަނޑުގެ ނިދިން ހޭލެވޭ ވަގުތެވެ.

ރޭގަނޑުގެ ނިދިން ހޭލައިފައި ނުވަތަ ހޭލެވިއްޖެ ނަމަ މި ޒިކުރު ކުރައްވައި ދުޢާ ކުރައްވާށެވެ. އެހެނީ މި ޒިކުރާ ވިދިގެން ކުރާ ދުޢާ އިޖާބަ ކުރެވިގެން ވެއެވެ. އަދި ކުރާ ނަމާދު ޤަބޫލު ވެވިގެން ވެއެވެ.

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ، ثُمَّ قَالَ : اللَّهُمَّ اغْفِرْ لِي މާނަ: ”ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެކަލާނގެއީ އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވާ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެންމެހާ ވެރިކަމެއް ވަނީ އެކަލާނގެއަށެވެ. އަދި އެންމެހާ ޙަމްދު ތަޢުރީޕެއް ވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެންމެހާ ޙަމްދު ތަޢުރީފެއް ވަނީ އެކަލާނގެއަށެވެ. އަދި ﷲ ހުރިހައި ޢައިބަކުން ހުސްޠާހިރުވެވޮޑިގެންވެއެވެ. އަދި ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އަދި އެންމެ ބޮޑީ ﷲއެވެ. އަދި ހެޔޮކަމެއް ކުރުމުގެ އެއްވެސް ބާރެއް އަދި ނުބައި ކަމަކުން ސަލާމަތްވުމުގެ އެއްވެސް ބާރެއް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. އޭ ﷲ އެވެ! މި އަޅާއަށް ފާފަ ފުއްސަވާނދޭވެ!“

މި ޒިކުރަށް ފަހު ކުރާ ދުޢާއަކީ މުސްތަޖާބު ދުޢާއެއްކަމުގައި ސުންނަތުން ސާބިތުވެފައިވެއެވެ. އެހެންކަމުން މިކަމުގެ މައްޗަށް ސަމާލުވެ އެގޮތަށް ޢަމަލު ކުރުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް ހުޅުވިގެންދާ މަގެއް ކަމުގައި ނޫނީ ނުވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!