ލައިފްސްޓައިލް

ދަރީންގެ ކިބައިގައިވާ ނުރަނގަޅު އާދަތައް ރަނގަޅު އާދަތަކަށް ބަދަލު ކުރާނީ ކިހިނެއް؟

އާއިޝަތު އަލީނާ ، ދެން އޮންލައިން

ދަރީން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެ މަންމައެއްގެ އަދި ބައްޕައެއްގެ އެންމެ ބޮޑު އުއްމީދެވެ. ދަރީންނަށް މީރު ވީހާ ކާނާއެއް ހޯދައިދީ އެކުދީންނަށް ތަޢުލީމު އުނގައްނައިދިނުމަކީ ލޯބިވާ ދެމަފިރިއެއްގެ ހަޔާތަށް އިތުރުވާ މެހެމާނަށްފަހު އެމީހުން އެންމެ އިސްކަންދޭ ކަންކަމެވެ.

Ads by MWSC

ދަރީން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ވާހަކައަކީ ފުޅާ މައުޟޫއެކެވެ. އެއީ އުނގެނި ދަސްކުރަން ޖެހޭ އިލްމެކެވެ. އަށަގަންނުވަން ޖެހޭ ހުނަރެކެވެ.

ދަރީންގެ ފަރާތުން ހެޔޮ ސިފައެއް، އަމަލެެއް ފެންނަން އެދޭ ކަމަށް ވާނަމަ އެކަމަށްޓަކައި ކުރާން އޮތް ކަމަކީ މައިންބަފައިންގެ ފުށުން އެ ސިފައެއް ދެއްކުމެވެ. ނަމޫނާ ދެއްކުމެވެ. އަކުރުމަތީގައި އަކުރު އަޅަން ، ކުދީން ދަސްކުރާހެން ހެޔޮ ސިފަތަކާ އަމަލުތަކަކީ ވެސް މައިންބަފައިންގެ ފުށުން ފެންނަ ފަދައިން އޭގެ މަތިން އެކުދީން ދަސް ކުރާނެ ކަންކަމެވެ.

މައުޟޫއު ފުޅާ ނުކޮށް ، ލިޔުމުގެ މައިގަނޑު ވާހަކަޔަށް ޖެހިލާނަމެވެ. ކުދީންގެ ކިބައިގައިވާ ނުރަނގަޅު އާދަތައް ، ރަނގަޅު އާދަތަކަށް ބަދަލު ކުރާނީ ކިހިނެއް ހެއްޔެވެ؟ މި ފަންނުގެ މާހިރުން އިރުޝާދުދޭ އެއް ވައްޓަފާޅިއަށް އަލި އަޅުވާލާނަމެވެ.

ދަރިފުޅަކީ މާ ގިނައިން ޓީވީ ބަލާ ، ފޮތް ކިޔުމާ ދުރު ކުއްޖަކަށް ވެދާނެއެވެ. ނުވަތަ ޗޮކްލެޓާއި ޖަންކީ ފުޑް ފަދަ ސިއްހަތަށް ނޭދެވޭ ކާނާތަކަށް ލޯބި ކުރާ ކުއްޖަކަށް ވެދާނެއެވެ. ތިބާގެ ދަރިފުޅުގެ ކިބައިގައި ހުރި ނުރަނގަޅު އާދަތަކަކީ ކޮބައިތޯ ބަލާށެވެ. އަދި އެ އާދަތައް ނުވަތަ އަމަލުތައް ކުއްޖާ ކުރަނީ ކޮން ވަގުތުތަކެއްގައިތޯ ވެސް ބަލާށެވެ. އެއަށް ފަހު ކުއްޖާގެ އެ ނުރަނގަޅު އާދަތައް ދުރަށް ލުމުގެ އަމަލީ މަސައްކަތް ފަށައިގަންނާށެވެ.

މިސާލަކަށް ދަރިފުޅަކީ މާ ގިނައިން ޓީވީ ބަލާ ކުއްޖަކަށްވެފައި އޭގެ އަލިކަމުން ކުއްޖާގެ ލޮލަށް ދޭ ގެއްލުމާއި ބަލާ މަންޒަރުތަކުން ކުއްޖާގެ ހިތާއި ސިކުނޑި ވަމުންދާ ކިލަނބުކަމުން ސަލާމަތް ކުރުމަށް އެދޭ ނަމަ ކުރެވިދާނެ އެއް ކަމަކީ ޓީވީ ބަލާ ވަގުތުގައި ކުއްޖާއާ އެކީ އެހެން ކަމެއްގައި ޝާމިލް ވުމެވެ. ވާހަކައެއް ކިޔައިދިނުން ނުވަތަ ދަރިފުޅާއެކު ޕަޒްލްްއެއް ރާވާލުން ފަދަ ކަމެއް ކޮށްލާށެވެ. ވިސްނަންވީ ކަމަކީ އެ ވަގުތަކީ ދަރިފުޅުގެ ނަފްސުގައި އަށަގެންފައިވާ ކަމެއް ދޫކޮށް ، ހޭދަ ކުރާ ވަގުތަކަށް ވުމާއެކު އެ ވަގުތަކީ ދަރިފުޅު ފޫހި ނުވާ ވަގުތަކަށް ހެދޭތޯއެވެ. ވީހާވެސް ބޮޑަށް ދަރިފުޅު އުފާވާނެ ، ގޮތަކަށް އެވަގުތުކޮޅު ހޭދަ ކުރެވޭތޯ ބެލުމެވެ.

ހަމައެހެންމެ ، އެ ވަގުތުގައި ދަރިފުޅަށް ކިޔައިދޭ ވާހަކައަކީ ނުވަތަ އެކުގައި ކުޅޭ ކުޅިވަރަކީ އެއިން ދަރިފުޅުގެ ޚިޔާލަތަށާއި އުޅުމަށް ހެޔޮ ވިސްނުމެއް އަންނަ ކަމަކަށް ވާން ޖެހޭނެއެވެ. ފުރަތަމަ ދުވަސްކޮޅު ދަރިފުޅު މާބޮޑަށް ގަޔާ ނުވާނަމަ ، ހަދިޔާއެއްދީ ، ވީހާވެސް ބޮޑަކަށް އެކަމަށް ގަޔާ ކުރުވާށެވެ.

ދަރިފުޅަކީ މާ ގިނައިން ޗޮކްލެޓާއި ނުރަނގަޅު ކާނާތަކާ ދޯޅު ކުއްޖެއް ނަމަވެސް ހަމަ މި އުސޫލު ބޭނުން ކުރެވިދާނެއެވެ. ޗޮކްލެޓް ކާ ހިތްވާ ވަގުތުތައް ބަލާ އެ ވަގުތުތަކުގައި ފައިދާހުރި މޭވާއެއް ދީ ، ދަރިފުޅުގެ ސިކުނޑި ޗޮކްލެޓާ ދުރަށް ޖެއްސިދާނެއެވެ.

މި ގޮތަށް ޢަމަލު ކުރަން ފެށުމުން ، ދަރިފުޅު އެކަމަކާ ދުރުކުރަން ބޭނުންވާ އަމަލަކާ ދުރަށް ޖެހި ، އަލަށް ކުރަން ފެށި ކަން ، ދަރިފުޅު ކުރާ ހިތްވެއެވެ. މީގެ އެންމެ ބޮޑު ފައިދާއަކީ ހަމައެކަނި ، ދަރިފުޅު ނުރަނގަޅު އާދައިން ދުރަށް ޖެއްސުމެއް ނޫނެވެ. އޭގެ ބަދަލުގައި ރަނގަޅު އާދައެއް އެ ކުއްޖާގެ ނަފްސުގައި އަށަގެންނެވޭ ކަމީ އަދި މާ ބޮޑު ފައިދާ އެކެވެ. އުފާވެރި ކަމެކެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!