ޚަބަރު

ޑްރަގް މައްސަލައެއްގައި ހައްޔަރު ކުރި މީހަކު ދޫކޮށްލަން ޖެހިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހައި ކޯޓ/ ފޮޓޯ: ސަން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި މީހަކަށް ވަކީލެއްގެ ފުރުސަތު ނުދީ، ބ. މާޅޮހު މެޖިސްޓްރޭޓު ކޯޓުން ބަންދު މުއްދަތު ޖެހުމުން އެ ކޯޓުގެ އެ އަމުރު ހައިކޯޓުން ބާތިލު ކޮށްފިއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 19ގައި އެމީހާ ހައްޔަރު ކުރީ، ލަވާޒާ ކޮފީ މެޝިނެއްގެ ތެރޭގައި މަސްތުވާތަކެތި އެޅި 23 ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި 23 ދަޅު ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ތުހުމަތު ކުރެވޭ މީހާގެ ވަކީލަކާ ނުލައި މާޅޮހު ކޯޓުން އޭނާގެ ބަންދު މުއްދަތު ޖެހީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ކުރިއަށް ގެންދެވޭނެ ވަސީލަތްތައް އެ ކޯޓުގައި ގާއިމްވެފައި ނެތުމުން ކަމަށް އެނގިފައިވެއެވެ. އެހެންކަމުން ވަކީލަކާއެކު އަޑުއެހުން ކުރިއަށްގެންދަން އުޒުރުވެރިވާ ކަމަށް އެ ކޯޓުން ވަކީލަށް އަންގާފައިވާ ކަމަށް ވެސް ވެއެވެ.

ޤާނޫނުއަސާސީ ގައިވާ ގޮތުގައި ގާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އެހެންކަމުން އެނުކުތާ ނަގާ، ތުހުމަތު ކުރެވޭ މީހާގެ ފަރާތުން ވަނީ މާޅޮހު ކޯޓުގެ ބަންދު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މިމައްސަލައާ ގުޅޭގޮތުން ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވަނީ ވަކީލަކު ލިބިިދިނުމުގެ ހައްގަކީ ގާނޫނުއަސާސީއިން ލިބިދޭ ހައްގަކަށްވާއިރު އެ ހައްގު ނުދީ ބަންދު އިތުރު ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އަދި ގާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެ ކަމަށާއި އެއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއް ކަމަށް ގާނޫނުއަސާސީގެ 268 ވަނަ މާއްދާއިން އެނގޭ ކަމަށް އެ ހުކުމުގައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!