Monday, 9 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދުންޔާ ހުންނެވީ ޒުވާނުންގެ ފަޅީގައި، ވިދާޅުވީ ޔުމްނުގެ ކޭސްއާ ގުޅޭ ޖަވާބު ބޭނުންވާ ކަމަށް!

ދުންޔާ ހުންނެވީ ޒުވާނުންގެ ފަޅީގައި، ވިދާޅުވީ ޔުމްނުގެ ކޭސްއާ ގުޅޭ ޖަވާބު ބޭނުންވާ ކަމަށް!
މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވާާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި އިންސާފު ހޯދަން ނުކުމެ ތިބި ޒުވާނުންނާއެކު ހުންނެވިކަން ހާމަކުރައްވާ، މި މައްސަލައާ ގުޅޭ ޖަވާބު ބޭނުންވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް އަދި މިހާތަނަށް އާއްމުކުރި މައުލޫމާތާ ގުޅިގެން ފާޑުކިޔުންތައް ވަނީ ފުލުހުންނަށް އަމާޒުވެފަ އެވެ. މި މައްސަލައާ ގުޅިގެން ސަރުކާރުން ކަންކަން ފޮރުވަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވޭއިރު، މައްސަަލަ ރަނގަޅަށް ނުބެލި އިންސާފު ނުލިބިދާނެ ކަމުގެ ބިރު އޮތް ކަމަށް ދަނީ ބުނަމުންނެވެ. މައްސަަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާއްމުކުރި މައުލޫމާތަށް ފަހު އެތައް ޒުވާނުންނެއް މަގުމައްޗަށް ނުކުމެ ސަރުކާރަށާއި ފުލުހުންގެ އިދާރާއަށް ދަނީ ފާޑުކިޔަމުންނެވެ. މި މައްސަލައާ ގުޅިގެން ދުންޔާވެސް ވަނީ ވާހަަކަ ދައްކަވާ ޒުވާނުންނާ އެކުގައި ހުންނެވިކަން ހާމަކުރައްވާފަ އެވެ. މައްސަލަ ފެންމަތިވިފަހުން ދުންޔާ ވާހަކަދައްކަވަމުން ގެންދަވާފައިވާއިރު، އޭނާގެ އަނގަ ބަންދު ކުރަން އާއިލާއާ ގުޅުވާ ވާހަަކަތަކެއްވެސް ދެއްކި އެވެ. އެކަމާ ގުޅުވާ ދުންޔާ ވިދާޅުވީ އޭނާގެ ސިޔާސީ ވިސްނުމާއި ފިކުރު ބައްޓަންވެފައިވަނީ އޭނާގެ އަމިއްލަ ތަޖުރިބާތަކާއި ރާއްޖޭގެ މުސްތަގުބަލާމެދު އޭނާ ދެކެވަޑައިގަންނަވާ ގޮތަށްކަން ސާފުކޮށް އަންގަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެން ފޯކަސް ކުރަންވީ އަދި އިސްކަން ދޭންވީ މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް،" ދުންޔާ ވިދާޅުވި އެވެ.
މިހާރު ޒުވާނުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ދުންޔާ ވިދާޅުވީ ހުރިހާ ގައުމެއްގައިވެސް މުޒާހަރާތަކަކީ ސިޔާސީ ކަމެއް ކަމުގައި ދެކޭއިރު، އިންސާފާއި ޖަވާބުދާރީވުމާއި ރައްކާތެރިކަމަށް އެދި ގޮވާލުމަކީ ސިޔާސީ ކަމަކަށްވާ ކަމަށެވެ.
"ނަމަވެސް އެއީ ކޮންމެހެން ވަކި ޕާޓީއަކަށް ނިސްބަތްވާން ޖެހޭ ކަމެއް ނޫން. މިއީ ޕާޓީތަކުގެ ވާހަކައެއް ނޫން،" ދުންޔާ ވިދާޅުވި އެވެ.
އޭނާ ވަނީ ޔުމްނު ކޭސްއާ ގުޅިގެން ޖަވާބު ބޭނުންވާ ކަމަށް ވިދާޅުވެ، ރައްޔިތުން މުއައްސަސާތަކަށް އިތުބާރު ނުކުރާކަންވެސް ހާމަކުރައްވާފަ އެވެ. ޔުމްނު ވެއްޓުނު ހާދިސާއަށް ފަހު އެންމެ ފުރަތަމަ ފަރުވާދެމުން ގޮސްފައި ވަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގަ އެވެ. ދިވެހިންގެ ބޮޑު އެހީތެރިކަމާއެކު މިހާރު އޭނާ މެލޭޝިއާއަށް ގެންގޮސް، އެ ގައުމުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލެއްގައި ދަނީ ފަރުވާދެމުންނެވެ. ޔުމްނު މައްސަލައާ ގުޅިގެން އޭނާއާއެކީ އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ. އޭނާ ވެއްޓުމުގެ ކުރިން ރައުދުއާއެކު ހަމަނުޖެހުމެއް ހިނގި ކަމަށް މި މައްސަލައާ ގުޅިގެން ފުރަތަމަ ނެރުނު ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގެ އެވެ. ރައުދުއާއި ޔުމްނު އޭރު ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި ރައުދު ކެނަބިސްއަށް ޕޮޒިޓިވްވި ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. ހާދިސާ ހިނގި ދުވަހުގެ ރޭ ޔުމްނު، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ދިޔަ އެވެ. އެ ޕާޓީގައި މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތު އަމާޒުވި ނަމަވެސް ޕާޓީގައި ޔުމްނުއާއެކު އުޅުނު މީހުންގެ ކުޑަކަމުދާތަކެތި ނަގަން އުޅުމުން އެ ކަމަށް އެ މީހުން ދެކޮޅު ހެދި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް