ދުނިޔެ

ޓްރަންޕް ބަލި ގަބޫލުކޮށް، ވެރިކަން ބައިޑަން އާ ހަވާލުކުރަން އެއްބަސްވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެމެރިކާގެ ޤާނޫން ހަދާ މަޖިލީހުގެ ސެނެޓް އިން ޤަބޫލު ކުރުމާއެކު، ބަލި ގަބޫލު ކުރައްވަވާ ވެރިކަމުން ދުރުވެ، އިންތިޚާބީ ރައީސް ޖޯ ބައިޑަން އާ ވެރިކަން ހަވާލު ކުރައްވަން އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަންޕް އެއްބަސްވެ ވަޑައިގެންފިއެވެ.

Ads by Sosun Fihaara

އެކި ސްޓޭޓްތަކުން ޖޯ ބައިޑަން އަށް 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބުނުކަން ކޮންގްރެސްގެ ދެ ގެ އެއްވެގެން ބޭއްވި ބައްދަލުވުމުން ރަސްމީކޮށް ކަނޑައެޅުމާ އެކު ޓްރަމްޕް ވަނީ "ޖެނުއަރީ 20 ވަނަ ދުވަހު ވެރިކަން ބަދަލުވާނެކަމަށް" ވިދާޅުވެފައެވެ. ވެރިކަން ހޯދުމަށް މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ބޭނުންވެ އެވެ.

"އިންތިޚާބުގެ ނަތީޖާއާ މެދު އަޅުގަނޑު ދެކޮޅު ހެދި ނަމަވެސް، ޖެނުއަރީ 20 ގައި ވެރިކަން ހަވާލު ކުރާނަން" އެބަޔާނުގައި ޓްރަންޕް ވިދާޅުވިއެވެ.

އެކި ސްޓޭޓްތަކުގެ ވޯޓުގެ ނަތީޖާ ވަކިވަކިން ބަލައިގަނެ ފާސްކުރަމުން ދިޔަ އިރު ޕެންސިލްވޭނިއާ އާއި އެރިޒޯނާގެ ނަތީޖާއާ މެދު ރިޕަބްލިކަން ޕާޓީގެ މެންބަރުންތަކެއް ވަނީ ދެކޮޅު ހަދައިފައެވެ. ނަމަވެސް ޕެންސިލްވޭނިއާގެ އިލެކްޓޯރަލް ކޮލެޖް ވޯޓާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ވަނީ 282-138 ވޯޓުން ބޭރު ކޮށްލައިފައެވެ.

ކޮންގްރެސްގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ޓްރަމްޕުގެ ސަޕޯޓަރުން ރޭ ވަނީ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ގަދަ ބާރުން ވަދެ ގަނެ ހަމަނުޖެހުން ހިންގައިފައެވެ. ގިނަ ބަޔަކު ބުނީ މިއީ ޓްރަމްޕް ހިތްވަރު ދެއްވުމުގެ ސަބަބުން ހިންގި ކަމެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!