ކުޑަފަރީ ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފި
ނ.ކުޑަފަރީގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން ފަށައިފިއެވެ.
ނ.ކުޑަފަރީގައި ކުރިއަށްގެންދާ ފެނާ ނަރުދަމާގެ މަޝްރޫޢުގެދަށުން އެރަށުގައި 9.5 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް އެޅުމާއި، 8.1 ކިލޯމީޓަރުގެ ފެނުގެ ވިއުގަ އެޅުމުގެ މަސައްކަތް ކުރިއަށް ދެއެވެ.
ކުޑަފަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހޮޅި ވަޅުލުމުގެ މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސައާއި އެމްޑަބްލިޔުއެސްސިގެ މެނޭޖިންގޑިރެކްޓަރ ހަސަން ޝާހުއެވެ. އެ ރަސްމިއްޔާތުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި ކުޑަފަރީ ކައުންސިލްގެ ރައީސް ހަސަން މުހައްމަދާއި ނައިިބު ރައީސް ޖަޒްލާން އާދަމްގެ އިތުރުން އެމްޑަބްލިޔުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްޑަބްލިއުއެސީ އަށް މި މަސައްކަތް ނިންމަން ސަރުކާރުން ދީފައި ވަނީ 22 މަސް ދުވަހެވެ. އަގަކީ 38 މިލިއަން ރުފިޔާ އެވެ. ފެނުގެ ޕްރޮޖެކްޓްގެދަށުން ރަށުގައި އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރާ ނިޒާމާއި ވާރޭ ފެން ރައްކާކުރާ ޓޭންކް ބެހެއްޓުމާއި، ގޭގެއަށް ނެޓްވަރކް އެޅުމާއި ފެން ތަޙުލީލް ކުރާ ސާމާނު ފޯރު ކޮށްދިނުން ހިމެނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނެފައި ވަނީ މި މަޝްރޫއުގެ ތެރެއިން ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ކުޑަފަރީއަށް ގެނެވި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި މަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 20 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.