ދީން

ދިރިއުޅުމުގެ ދަތިކަމުން ސަލާމަތްވުމަށް ކޮންމެ ކަމެއްގައި ވެސް ތަކުރާރުކުރުން މުހިންމު ދުޢާއެއް!

އާއިޝަތު އަލީނާ ، ދެން އޮންލައިން

އަހަރެމެންގެ ކޮންމެ ދުވަހެއްގެ ހަލަބޮލި ދިރިއުޅުމުގައި ކުރަން ޖެހޭ އެތައް ކަމެއް ، އެތައް މަސައްކަތެއް ހިމެނެއެވެ. ބަނޑުފުރާނަ މުއްތި ކުރުމަށާއި ޚަރަދުބަރަދުތައް ދެކޮޅު ޖެއްސުމަށް ކުރަން ޖެހޭ މަސައްކަތް ބައިވަރެވެ. ނަމަވެސް، އެފަދަ ގިނަ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އެތައް ދަތިކަމަކާ ކުރިމަތިލާން ޖެހެއެވެ.

މީގެ އިތުރުން އެކިއެކި ކަންކަމުގައި މީހުންނާ ކުރާ މުޢާމަލާތްތަކުގައި ވެސް ވާހަކަތައް ފަހުމްކޮށްދީ ، ސިކުނޑީގައި އެވާހަކަތައް އިންދުމުގައި ވެސް ގިނަފަހަރު އޮންނަނީ ނާކާމިޔާބު ވެފައެވެ.

ދިރިއުޅުން ދަތިވެފައިވާ އެންމެހައި މީސްތަކުން ވިސްނާލުން ހުއްޓެވެ. ފަލާހާއި ކާމިޔާބަކީ ﷲ ތަޢާލާ ދެއްވާ އެއްޗެކެވެ. އެއިލާހު އެންގެވި މަގުން ނުހިނގާ ، ލިބޭނޭ ކާމިޔާބެއް ނެތެވެ. ކާމިޔާބީގެ ތަޅުދަނޑިކަމަށްވާ ނަމާދުގެ ނިދާ ތަކުރާރުކޮށް އިވެމުންދާއިރު ވެސް އެ ނިދާއަށް ފުރަގަސްދީފައި ދެން ތިޔަ ކުރަނީ ބޭކާރު މަސައްކަތެއް ނޫން ހެއްޔެވެ؟

ހުރިހައި ކަމެއްގައި ވެސް އަހަރެމެން ވާގި ލިބުން އެދެންވީ ﷲގެ ޙަޟްރަތުންނެވެ. ނަމާދު ގާއިމުކޮށް ، ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ދަންނަވަންވީ ﷲގެ ޙަޟްރަތުގައެވެ.

ދުވަހުގެ އެކިއެކި ކަންކަން ކުރާއިރު އަންނަނިވި ދުޢާ ތަކުރާރު ކުރުމަކީ ، އެކަންކަން ކުރުމަށް ފަސޭހަ ، ކާމިޔާބީއަށް މިސްރާބު ޖަހާ ކަމެކެވެ. އެހެންމެ، އެކިއެކި މީހުންނާ މުޢާމަލާތް ކުރުމުގައި ވެސް ފަސޭހަވެ އެ މުޢާމަލާތްތަކުން ހެޔޮ ނަތީޖާއަށް މިސްރާބު ޖަހާ ކަމެކެވެ.

رَبِّ اشْرَحْ لِي صَدْرِي

އަޅުގެ ވެރި ރައްބެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސް ކޮށްދެއްވާންދޭވެ.

وَيَسِّرْ لِي أَمْرِي

އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަ ކޮށްދެއްވާންދޭވެ.

وَاحْلُلْ عُقْدَةً مِّن لِّسَانِي

އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ! (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ!)

މޫސާގެފާނު ކުރެއްވި މި ދުޢާއަކީ ބާރުގަދަ ދުޢާއެކެވެ. އެހެންކަމުން އަހަރެމެންގެ ކޮންމެ ކަމެއްގައި ކުރަންވީ މިފަދަ ދުޢާއެވެ. މައްސަލައެއްގައި ކޯޓަށް ދާން ޖެހުނު ނަމަވެސް ، އޮފީހުގެ މަސައްކަތުގައި ނަމަވެސް ، ނުވަތަ ޢާއިލީ ނޫނީ ދޭދޭ ދެމީހުންގެ ދެމެދުގައި ހިނގާ މުޢާމަލާތްތަކުގައި ވެސް ކާމިޔާބު ލިބެން އޮތީ ކާމިޔާބު ދެއްވާ އިލާހުގެ ޙަޟްރަތުންނެވެ. ހުރިހާ ކަމެއްގައި އެ އިލާހަށް ވަކީލު ކޮށްގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!