ޚަބަރު

ފައުޒާން އަކީ އެންމެންނާވެސް ގުޅިގެން އުޅޭ އަޚުލާގު ރަނގަޅު ދަރިވަރެއް : އެޑިއުކޭޝަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދު މުޅި ރާއްޖެ ސިއްސުވާލި އެއް ޚަބަރަކަށްވީ، ޏ. ފުވައްމުލަކަށް އުފަން، އެރަށު ސްކޫލް ގްރޭޑް 10 ގައި ތަޢުލީމު ހާސިލު ކުރަމުންދިޔަ ކުއްޖަކު ނިޔާވި ޚަބަރެވެ.

Ads by STELCO

ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ތިން ކުއްޖަކު ގެނބިގެން، ނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ އަޙުމަދު ފައުޒާން ކަން ފަހުން ވަނީ ހާމަވެފައެވެ. މިހާދިސާ އެންމެ ފުރަތަމަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ހަވީރު 4:47 ހާއިރެވެ. ނަމަވެސް އެއިރު ފުލުހުންނަށް ހުށަހަޅާފައިވަނީ ފައުޒާން ގެއްލިގެން ހޯދާ ކަމަށެވެ. އޭނާގެ ހަށިގަނޑު މޫދު އަޑިން ފެނިފައިވަނީ 5:50 ހާއިރެވެ. އަދި ފައުޒާން އަށް ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެއްޖެ ކަމުގެ ޚަބަރު ލިބިފައިވަނީ 6:45 ހާއިރެވެ.

ފައުޒާން ނިޔާވުމާ ގުޅިގެން އޭނާގެ އާއިލާއަށް މިނިސްޓަރ އޮފް އެޑިއުކޭޝަނާއި އެމިނިސްޓްރީގެ އިސްވެރިންނާއި، އެންމެހާ މުވައްޒަފުންގެ ނަމުގައި، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ތަޢުޒިޔާ މެސެޖެއް ފޮނުވާފައެވެ.

އެމެސެޖުގައި ބުނެފައިވަނީ އަހުމަދު ފައުޒާނަކީ އެންމެންނާވެސް ގުޅިގެން އުޅޭ، އެސްކޫލް ދަރިވަރުންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. އަދި އޭނާއަކީ ސްކޫލަށް ވަރަށް މުހިންމު، އަޚުލާޤުވެސް ރަނގަޅު ދަރިވަރެއްކަން އެމިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!