ދެއްވަދޫ ކްލަސްޓާ: އިތުރު 8 މީހަކު ފައްސިވެއްޖެ
މުޖުތަމައު ތެރޭގައި ބަލި ފެތުރެމުން އަންނަ ގއ. ދެއްވަދޫން އިތުރު 8 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ދެއްވަދޫގައި ބަލި ފެތުރުމާ ގުޅިގެން އެރަށް މިވަގުތު މޮނިޓަރިންގައި އޮތް އިރު، އެރަށުން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 17 އަށް އަރާފައެވެ.
ދެއްވަދޫ ކައުންސިލުން ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ނެގި ސާމްޕަލްތަކެއްގެ ނަތީޖާ މިއަދު ލިބުނުއިރު، އޭގެ ތެރެއިން 8 ސާމްޕަލެއް ފައްސިވެފައިވާ ކަމަށެވެ.
އެޗްއީއޯސީން ބުނެފައިވާ ގޮތުގައި އެރަށު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން މީހެއް އެންމެ ފުރަތަމަ ޕޮޒިޓިވްވީ 24 ޑިސެމްބަރު ގައެވެ. އެހެންނަމަވެސް ފަހުން ވަނީ އެ މީހުންގެ ނަތީޖާ ނެގެޓިވްކަމަށް އަންގާފައިވާ ކަމަށާއި އެހެންވެ، ކަރަންޓީނުގެ މުއްދަތު ނިމުމާއެކު އެ މީހުން ބޭރަށް ނުކުތް ކަމަށެވެ.
އެޗްޕީއޭއިން ވަނީ، ދެއްވަދޫއަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ގެ ފަހުން ދަތުރު ކޮށްފައިވާ ފަރާތެއްނަމަ ކޮވިޑަަށް ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވުމަށް އަންގާފައެވެ.
ދެއްވަދޫން ލ.ފޮނަދޫއަށް ދަތުރުކުރި 4 މީހަކު ފައްސިވުމާ ގުޅިގެން، ފޮނަދޫ އަދި އެރަށާއި އެއްފަސްކޮށް އޮންނަ ގަން ވެސް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.