ބޯކޮށް ވާރޭ ވެހި މާޅޮހުގައި ފެންބޮޑުވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބ. މާޅޮހަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މާޅޮހުގެ ބައެއްް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އަދި އެ ސަރަހައްދުތަކުގައި އެމްއެންޑީއެފް ނޮދާން އޭރިއާ އާއި އެރަށު ކައުންސިލުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހއ. އަތޮޅުން މ. އަތޮޅަށް ވަނީީ ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައި ވެސް ވެއެވެ.