ކޮވިޑް-19: ގަން, ފޮނަދޫން ނެގި ހުރިހާ ރެންޑަމް ސާމްޕަލްތައް ނައްސި
ގއ. ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މޮނީޓަރިންގެ ހާލަތަށްލި ލ.ގަން އަދި ލ. ފޮނަދޫން ނެގި ހުރިހާ ރޭންޑަމް ސާމްޕަލެއް ވެސް ނައްސި ވެއްޖެއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި މިމަހުގެ 12 ވަނަ ދުވަހު ލ. ގަމުން 263 ރޭންޑަމް ސާމްޕަލް އަދި ފޮނަދޫން 125 ރޭންޑަމް ސާމްޕަލް ނަގާފައިވެއެވެ. އަދި މިހުރިހާ ސާމްޕަލެއް ވެސް ނައްސި ކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ.
ގަން އަދި ފޮނަދޫން ރޭންޑަމް ސާމްޕަލް ނަގަން ފަށާފައި ވަނީ ގއ. ދެއްވަދޫގައި މިހާރު ފެތުރިފައިވާ ކޮވިޑް-19 ކްލަސްޓާއާއި ގުޅިގެން ފޮނަދޫން ހަތަރު މީހަކު ފައްސި ވުމާ ގުޅިގެންނެވެ. އެއީ މަންމައަކާއި އޭނާގެ ތިން ކުދިން ކަމަށް މައުލޫމާތު ލިބެއެވެ.
ފޮނަދޫން 125 ރޭންޑަމް ސާމްޕަލް ނަގަން ފަށާނެ ކަމަށް މީގެކުރިން އެރަށު ސިއްޙީ މަރުކަޒުން ވެސް ވަނީ ބުނެފައެވެ. އެގޮތުން ރޭންޑަމް ސާމްޕަލް ނަގާފައިވާ ދާއިރާތަކަކީ:
- ފްރޮންޓްލައިން 10 އޮފިސަރުން
- ރެސްޓޯރެންޓް އަދި ކެފޭ ތަކުގައި މަސައްކަތް ކުރާ 07 މުވައްޒިފުން
- ފިހާރަތަކުގައި މަސައްކަތް ކުރާ 10 މީހުން
- 15 ބިދޭސީން
- ސްޕީޑް ބޯޓްގައި މަސައްކަތް ކުރާ 03 މީހުން
- 05 ޓެކްސީ ޑްރައިވަރުން
- 75 ގެއަކުން
މިހާތަނަށް ފޮނަދޫއިން ފައްސިވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 52 މީހެއްގެ ސާންޕަލް ނަގާފައިވާއިރު، މިހުރިހާ އެންމެން ވެސް ވަނީ ބައްޔަށް ނައްސި ވެފައެވެ.