ރިޕޯޓް

ކައިވެންޏަށް އެންމެ 27 ދުވަސް، ފިރިމީހާ ނިޔާވިއިރު އަނބިމީހާ ކޮވިޑް ޖެހި ރާއްޖެއިން ބޭރު ކަރަންޓީނުގައި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ދެން އިމޭޖަސް: ޢާލިމް ޢަބްދުއްލަތީފު

މައެއްގެ ހެޔޮލަފާ ދަރިއެކެވެ. އެތައް ބައެއްގެ ހިތްހެޔޮ ރަހުމަތްތެރިއެކެވެ. އައު ޒަވާޖީ ޙަޔާތެއް ފަށައި އެތައް ފޮނި ހުވަފެންތަކެއް ދުށް ފިރިއެކެވެ. އާއިލާ ކުދިން ހެއްވާލަދިން ލޯބިވާ ދޮންބެއެކެވެ. ބައްޕަ ޖަލުގެ ތޭރިތަކުގެ އެތެރެއަށް ދިއުމާއެކު މަންމައާއި އާއިލާގެ ޒިންމާ ކޮނޑުގައި އަޅުވައިގެން އުޅުނު މަސައްކަތްތެރި ފިރިހެނެކެވެ. އެހެންނަމަވެސް ދުނިޔެ ދޫކޮށް ދިޔައީ މި އެންމެންގެ ހިތް ރޮއްވާލުމަށް ފަހުއެވެ. މަންމަގެ ހިތް ކުދިކުދި ވި ކަހަލައެވެ. ލިބުނު ކުއްލި ސިހުމަކުން މަންމަ އޮތީ ހޮސްޕިޓަލުގައެވެ. ގޮވަމުން ދަނީ ދަރިފުޅަށެވެ.

މި މަހުގެ 9 ވަނަ ދުވަހު މާލޭ އެމްޕީއެލް ސަރަހައްދުން ބިއްލޫރު ޕެލެޓެއްގައި ތާށިވެ ހާލު ސީރިއަސް ވި ޒުވާނާ ނ. ލަންދޫ، ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް މިއަދު މި ފަނާކުރަނިވި ދުނިޔެއިން ވަނީ އަލްވަދާޢު ކިޔައިފައެވެ. އެތައް ބައެއްގެ ހިތް ރޮއްވާލުމަށް ފަހު އެ ޒުވާނާ ދުނިޔެ ދޫކޮށްފައިވާއިރު، ޒަވާޖީ ގޮތުން އައު ޙަޔާތެއް ފެށިތާ މިއަދަށް އެންމެ 27 ދުވަހެވެ. މިއަދު އާސިމްގެ ލޯބިވާ އަނބިމީހާ ހުވަފަތްވެ، ކުރިމަތިލަމުން އެ ގެންދަނީ ވަރަށް ވެސް ފުން ހިތާމައަކާއެވެ.

އާސިމްގެ ފަހު ނޭވާ މި ދުނިޔެއަށް ދޫކުރި ވަގުތު، އާސިމްގެ ލޯބިވާ އަނބިމީހާ ހުރީ ރާއްޖެއިން ބޭރުގައެވެ. އަންނަން ކިތަންމެހާ ވެސް ބޭނުންވިއެވެ. ނަމަވެސް ކުރާނީ ވެސް ފަހެ ކީއްހެއްޔެވެ؟ ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް-19 އަށް އާސިމްގެ ލޯބިވާ އަނބިމީހާ ވަނީ ފައްސިވެ، އެކޮޅުގައި ކަރަންޓީނު ވާން ޖެހިފައެވެ. ގިނިކަންޏާ އެތަނުގައި އެފަކީރު ހިތާމަކުރަމުން އެގެންދަނީ މަޖުބޫރީ ހާލަތެއްގައެވެ. އެންމެ ލޯބިވާ މީހާ ދުނިޔެއާ ވަކިވެ ދިޔަ އިރު ވެސް ކަރުނަތައް އޮހޮރަމުން އެފަކީރު އެދަނީ އެތައް ކަމެއް ތަހައްމަލު ކުރަމުންނެވެ.

އާސިމްގެ ބައްޕައަކީ އުމުރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެކެވެ. އާސިމް އަކީ އާއިލާގެ އެންމެ ދޮށްޓަށް ހުންނަ ފިރިހެން ދަރިފުޅެވެ. އާއިލާގެ ޚަރަދުތަކާއި، އާސިމްގެ ހަގަށް ތިބޭ ހުރިހާ އެންމެންގެ ޒިންމާތައް ކޮނޑުއަޅައިގެން ހިތްމަތާއެކު މަސައްކަތް ކުރަމުން ދިޔައީ އެއްވެސް ކަމަކަށް ދަތި ނުވާނޭ ގޮތަށް އާއިލާ އުފަލުގައި ބެހެއްޓޭތޯއެވެ.

މާލޭގެ ޕްރައިވެޓް ކުންފުންޏެއްގައި މަސައްކަތް ކުރަމުން ދިޔަ އާސިމް އަށް ޖެހުނީ ކޮވިޑް-19އާ ގުޅިގެން ވަޒީފާއިން އަތް ދޫކޮށްލާށެވެ. އެދަނޑިވަޅުގައި ވެސް އާސިމް، އާސިމްގެ އާއިލާއާ މެދު ވިސްނާ ރަށަށް ދިއުމަށް، އާސިމްގެ ލޯބިވާ އަނބިމީހާގެ ރަށުގައި ކަރަންޓީނުގައި އެތައް ދުވަހެއް ހޭދަކުރިއެވެ. އާއިލާ ދެކިލުމަށް ބޭނުންވެފައި ހުރި ވަރުންނެވެ.

އެހެންނަމަވެސް ކަރަންޓީނު ނިމި ރަށަށް އަންނަން ހުރިހާ ކަމެއް ހަމަޖެހި ނިމިފައިވީ ނަމަވެސް އާސިމްގެ މަންޒިލު ބަދަލު ކޮށްލީ އަނެއްކާވެސް މާލެއަށެވެ. އާއިލާ ގާތަށް ދާން ބޭނުން ނުވާތީއެއް ވެސް ނޫނެވެ. އަދި އާއިލާ ދެކެ ލޯބި ނުވާތީއެއް ވެސް ނޫނެވެ. އާއިލާއަށް އާސިމްގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި، އާއިލާގެ ޚަރަދުތައް ހިފެހެއްޓުމަށް އާސިމް ބޭނުންވީ އަނެއްކާ ވެސް އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރުމަށެވެ. އެގޮތުން މަޖޫރީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އާސިމް އެމްޕީއެލް ސަރަހައްދުގައި ހަރަކާތްތެރިވާން ފެށީއެވެ.

އާސިމް މިގޮތަށް އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަން ފެށިތާ ހަފްތާއެއްހާ ދުވަސް ފަހުން ލިބުނީ ވަރަށް ވެސް ހިތްދަތި ހަބަރެކެވެ. އެދުވަހު ހުރިހާ ނޫހެއްގެ ވެސް ފަލަ ސުރުހީގައި ވީ އެމްޕީއެލް ސަރަހައްދުން ބިއްލޫރި ޕެލެޓެއް ވެއްޓި މީހަކު ތާށިވި ވާހަކައެވެ. އާދޭހެވެ. އެމީހާއަކީ އަބްދުﷲ އާސިމްއެވެ. ޕެލެޓެއް ތާށިވުމުންނޭ ބުނުމުން އެހާ އަސަރު ނުކުރި ނަމަވެސް އެދުވަހު އާސިމްގެ ހާލަތު ފެނުނު މީހެއް ނަމަ އެމަންޒަރު ބަލާ ކަރުނަ އަޅައި ރޯނެ ކަން ގައިމެވެ.

އާސިމްއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަތާ 11 ދުވަސް ވެފައިވާއިރު، 11 ވަނަ ދުވަސް ވެފައި މިވަނީ މުޅި ލަންދޫ އަށާއި އާސިމްގެ މުޅި އާއިލާއަށް ވެސް ބަނަ ދުވަހަކަށެވެ. ދެކެފަރިތަ ނޫންކަމުގައި ވީނަމަވެސް މުޅި ގައުމު މިއަދު އެކަމާ ހިތާމަކުރެއެވެ. އާސިމްގެ މުޅި އާއިލާ ވެސް މިވަގުތު މާލޭގައި އެބަތިއްބެވެ. ލިބުނު ކުއްލި ހިތާމަވެރި ޚަބަރާއެކު މުޅި އާއިލާ ވެެސް ވަނީ ނަފްސާނީ ގޮތުން ބޮޑު އަނދަވަޅުގަނޑަކަށް ވެއްޓިފައެވެ.

ނ. ލަންދޫ، ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމްގެ ޖަނާޒާ ބާއްވައިފައިވަނީި މިއަދު މެންދުރު ނަމާދަށް ފަހުއެވެ. އާއިލާއެއްގެ މައި ކަށި ކަމުގައިވާ އަބްދުﷲ އާސިމް މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެންނަން ނެތަސް، ހަމަ ޔަގީނުން ވެސް އާސިމް އަކީ ހެޔޮލަފާ ދަރިއެކެވެ. އެންމެން ދެކެ ލޯބިވާ އަދި އެތައް ބައެއްގެ ލޯތްބާއި ގަދަރު ލިބިގެންވާ ރަނގަޅު ޒުވާނެކެވެ. އަދި ކައިވެންޏަކަށް ފަހު އެތައް ހުވަފެންތަކެއް ދެކި، އެ ހުވަފެންތަކަށް ވާސިލުވާން ބުރަ މަސައްކަތްތަކެއް ކުރި ހެޔޮލަފާ ފިރިއެއް ވެސް މެއެވެ. މާތްﷲ އާސިމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، މި ހިތްދަތި ދަނޑިވަޅުގައި އާސިމްގެ އާއިލާއަށާއި، އާސިމްގެ ލޯބިވާ އަނބިމީހާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

Ads by Ooredoo
  1. އާމީން

  2. ޟިޔާ

    އާމީން

  3. ެަސަފީ

    ައާމީން