ޚަބަރު

ފުޓުބޯޅަ ކުޅެން ހުރި ދިވެއްސަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގއ.ކޫއްޑޫގައި ފުޓްބޯޅަ ކުޅެން ހުރި ދިވެއްސަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

Ads by MWSC

"ދެން"އާ ވާހަކަ ދައްކަވަމުން ގއ.ވިލިނގިލީ ކައުންސިލް މެންބަރު ހަބީބު ހަސަން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. އަދި އެ ޒުވާނާ ނިޔާވެފައި ވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 5:30 އެހާއިރު ކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން ޑޮކްޓަރުންނާ ހަވާލާދީ ހަބީބު ވިދާޅުވީ ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށާއި އޭނާ ނިޔާވީ ހާރޓް އެޓޭކެއް ޖެހިގެން ކަމަށެވެ. އަދި ނިޔާވެފައި ވަނީ ގއ.މާމެންދޫ ޒުވާނެއް ކަން "ދެން"އަށް ވަނީ ކަށަވަރު ވެފައެވެ. މިކަން މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވަނީ ކަށަވަރު ކޮށްދީފައެވެ.

"ދެން"އާ ވާހަކަ ދައްކަވަމުން ޒަޢީމް އިތުރަށް ވިދާޅުވީ ނިޔާވީ ގއ.މާމެންދޫ، ތީސްރީ މަންޒިލް އަހްމަދު ޝަރީފް ކަމަށެވެ. އަދި އޭނާގެ އުމުރަކީ 47 އަހަރު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި މީހާ އަކީ ކޫއްޑޫގައި ވަޒީފާ އަދާ ކުރަމުންދާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ހާދިސާ ހިނގައިދިޔަ ގޮތް "ދެން"އާ ހިއްސާ ކުރަމުން ހަބީބު ވިދާޅުވީ އޭނާ ފުޓްބޯޅަ ކުޅެން ހުއްޓާ ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓުނީ ކަމަށެވެ. އަދި ވަގުތުން އޭނާ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ހުވަދޫ އަތޮޅުގައި މި ދުވަސްވަރު ކޮވިޑް-19 ފެތުރެމުންދާތީ އެ މީހާ މިހާރު ވަނީ ކޮވިޑް-19 އަށް ވެސް ޓެސްޓު ކުރެވިފައި ކަމުގައި މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން "ދެން"އާ ވާހަކަ ދައްކަމުން ކޫއްޑޫގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ އެރަށުގައި ސިއްހީ ހިދުމަތް ދެވޭނެ އެއްވެސް އިންތިޒާމެއް ހަމަ ޖެހިފައި ނެތް ކަމަށާއި ޑޮކްޓަރެއް ވެސް ނަރުހެއް ވެސް އެރަށުގައި ނުހުންނަ ކަމަށެވެ. އަދި މިއީ ކަންބޮޑުވާން ޖެހޭފަދަ މައްސަލައެއްގެ ގޮތުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!