ފަނޑިޔާރު ޝަހީދުގެ މައްސަލަ ދެން ނިކަން އަވަހަށް ކުރިއަށް ދާނެ: ހައިލަމް
ޖޭއެސްސީގައި އޮތް ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ މައްސަަލަ ދެން ނިކަން އަވަހަށް ކުރިއަށް ދާނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު އަނެއް ދެ ފަނޑިޔާރުންނާ ވަރަށް ބޮޑަށް ތަފާތެވެ.
މިކަމާ ގުޅިގެން ހައިލަމް ވިދާޅުވީ ޖޭއެސްސީގައި ޕާކު ކޮށްފައި އޮތް ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ މައްސަަލަ ދެން ނިކަން އަވަހަށް ކުރިއަށް ދާނެ ކަމަށެވެ.
އިދިކޮޅުން ވެސް ވަނީ ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔަކީ އެންމެ ރަނގަޅު ރައުޔުގެ ގޮތުގައި ފާހަގަ ކޮށްފައެވެ.
ހުކުމާ ހިލާފަށް ރައުޔު އިއްވަމުން ފަނޑިޔާރު ޝަހީދު ވަނީ އިޖުރާއަތްތަކާ ހިލާފު ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވައިފައެވެ. އަދި ހުކުމް ބާތިލުކުރަންޖެހޭ ގިނަ ނުކުތާތަކެއް ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.
ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފުކޮށް ހުށަހަޅާފައިވާ ނުކުތާތަކަށާއި އެ ނުކުތާތަކާ ގުޅިގެން ޝަރީއަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ކަމާ ގުޅުން ހުރި ގާނޫނު ތަކަށާއި ގަވާއިދުތަކާއި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އެންމެހާ ލިޔުންތަކަށް ރިއާޔަތްކޮށް، ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކުރަންޖެހޭ ކަމަށް ދެކޭ ކަމަށެވެ.
ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ގިނަ ފަރާތްތަކެއްގެ އެކައުންޓަށް ފައިސާ ޖަމާ ކޮށްފައިވާ ކަން، ދައުލަތުގެ ކަމާ ގުޅުންހުރި ގިނަ އިދާރާތަކުން ނެރެފައިވާ ރިޕޯޓްތަކުން އެނގެން އޮންނަ އިރު، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް ހުކުމް ކުރުމާ ހަމައަށްވެސް، އެސްއޯއެފް މެދުވެރިކޮށް އެ ފައިސާ ލިބުނު އިތުރު ފަރާތެއްގެ މައްޗަށް ދައުވާ ކޮށްފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ކޮށްފައިވާ ދައުވާއަކީ ގާނޫނުއަސާސީގެ 33 ވަނަ މާއްދާ އާއި 32 ވަނަ މާއްދާއާ ހިލާފަށް ތަފާތު ކުރުމުގެ ތެރެއިން އުފުލާފައިވާ ދައުވާއެއް ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ ތަހުގީގުގައި މައިގަނޑުގޮތެއްގައި ސުވާލު ކޮށްފައިވަނީ ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވިގެން އެ ކުށުގެ ތުހުމަތުގައި ކަމަށެވެ. އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ފަސްވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތާ ހިލާފަށް، އެކަށީގެންވާ މިންވަރަކަށް ތަހުގީގު ކުރެވިފައި ނުވާ އަދި ޔާމީންގެ ހައްގުތައް ގެއްލޭގޮތަށް، ހިންގާފައިވާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުލަތުން އުފުލާފައިވާ ދައުވާއެއް ކަމަށް ވެސް ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވެއެވެ.
ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ މި މައްސަލައިގައި ދައުވާ ލިބޭ ފަރާތާ ދެކޮޅަށް ހެކިބަސް ދީފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުالله ޒިޔަތަކީ ދިވެހި ދައުލަތަށާއި ދިވެހި ދައުލަތުގެ ބައިތުލްމާލަށް ހިޔާނާތްތެރިވުމުގެ ދައުވާ ސާބިތުވެފައިވާ ދެފަރާތް ކަމަށެވެ. އަދި އޭގެ ތެރެއިން އަހުމަދު އަދީބަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާގެ ބައެއް މެންބަރުންގެ ޖާނު ގޮއްވާލުމުގެ ދައުވާ ސާބިތުވެފައިވާ ފަރާތެއް ކަމަށާއި އެހެންކަމުން އެ ދެފަރާތުގެ ހެކިބަސް ޝަރީއަތަށް ބަލައިގަނެވޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށް ޝަހީދު ވިދާޅުވިއެވެ.