ލިޔެކިޔުން ނެތް ބިދޭސީން ވެކްސިން ޕޯޓަލްގައި ރަޖިސްޓަރީވާނީ އިނގިލީގެ ނިޝާން ބޭނުންކޮށްގެން: ފައިސަލް

ލިޔެކިޔުން ނެތް ބިދޭސީން ވެކްސިން ޕޯޓަލްގައި ރަޖިސްޓަރީވެ، މަޢުލޫމާތު އެއްކުރާނީ އިނގިލީގެ ނިޝާން ބޭނުން ކޮށްގެން ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ ބިދޭސީންގެ މަޢުލޫމާތު އެއްކުރާއިރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ސައްޙަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީން ރާއްޖޭގައި ގިނަވުން ކަމަށެވެ. އަދި މިފަދަ ފަރާތްތަކުން ޕޯޓަލްގައި ރަޖިސްޓަރީވެ، މަޢުލޫމާތު އެއްކުރާނީ އިނގިލީގެ ނިޝާން ބޭނުން ކޮށްގެން ކަމަށެވެ.
ކޮވިޑް-19ގެ ވެކްސިން ރާއްޖެއަށް ލިބޭނެކަން ޔަޤީންވި ހިސާބުން މި ބަލީގެ ވެކްސިން ޖަހާނެ މީހުން ރަޖިސްޓަރީވުމަށް ވަނީ ފުރުސަތު ހުޅުވައިލާފައެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ މިހާތަނަށް 19،000 ވުރެ ގިނަ މީހުން ޕޯޓަލްގައި ރަޖިސްޓްރީ ވެފައި ވާކަމަށެވެ.
ވެކްސިން ދިނުމުގައި 3 ބަޔަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތުގައި އަދި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ.
ފައިސަލް ވިދާޅުވެފައިވަނީ މިކަމަށް އާންމުން ހޭލުންތެރި ކުރުމަށްޓަކައި އެކި ޕްރޮގްރާމްތައް ހިންގާ ޓްރެއިނިންގް އޮފް ޓްރެއިނާސްގެ ބުރެއް ވެސް ނިންމާލާފައިވާކަމަށެވެ.