ހުޅުމާލޭ ޖަލުން 31 ގައިދީއަކު ފައްސި ވެއްޖެ

1 ފެބްރުއަރީގައި ހުޅުމާލޭ ޖަލުން ގައިދީއަކު ފައްސިވުމާ ގުޅިގެން، ޖަލު ލޮކްޑައުންކޮށް ނެގި ސާންޕަލްތަކުން 31 ސާންޕަލެއް ކޮވިޑަށް ފައްސި ވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބުނެފައިވަނީ ގައިދީންނާއި ސްޓާފުން ހިމެނޭ ގޮތަށް ނެގުނު 112 ސާމްޕަލްގެ ތެރެއިން 31 ސާމްޕަލް ވަނީ ފައްސިވެފައިވާ ކަމަށާއި އަދި މިހާތަނަށް ފައްސި ވަނީ ގައިދީން އެކަނި ކަމަށެވެ.
އެޗްއީއޯސީގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުޅުމާލޭ ޖަލުން ފައްސިވީ ގައިދީން ވަނީ އެކަހެރި ކުރެވިފައި ކަމަށާއި އެމީހުންނާ ކޮންޓެކްޓުވީ މީހުން މިހާރު ވަނީ ކަރަންޓީނު ކޮށްފައި ކަމަށެވެ.
ހުޅުމާލޭ ޖަލުން އުމުރުން 56 އަހަރުގެ ގައިދީއަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން މިމަހުގެ އެއްވަނަ ދުވަހު އެޖަލު ވަނީ ފުރަބަންދު ވެސް ކޮށްފައެވެ. ފައްސިވީ ގައިދީ އެއިރު ކަރަންޓީނު ފެސިލިޓީއަށް ބަދަލު ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ މީޑިއާ އޮފިސަރ އައިމިނަތު ނުސްރީނު ވަނީ އޭރު "ދެން" އަށް މައުލޫމާތު ދެއްވާފައެވެ.