އަޅުގަނޑުގަށް އޮތް އިތުބާރަކީ ރައީސްގެ ސިޔާސަތުތަކަށް ރައްޔިތުންގެ އިތުބާރުއޮތްކަން: ވަޒީރު ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު އޮތްކަމަށް މަޖިލީހުން ނިންމުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ވެސް ރައްޔިތުންގެ އިތުބާރުއޮތްކަން ހާމަވެގެން ހިނގައްޖެކަމަށް ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ސައީދުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލައާ ގުޅިގެން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވީ ވަޒީރަށް އިތުބާރު އޮތް ކަމަށެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
އިތުބާރުގެ ވޯޓަށް ފަހު ސައީދު ފަހުން މިއަދު އެކްސްގައި ވިދާޅުވީ މަޖިލީހުން އޭނާއާ ދޭތެރޭ ފުރިހަމަ އިތުބާރު އޮތްކަމަށް ނިންމުމުން އަންގައިދެނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާއި އެމަނިކުފާނުގެ މެނިފެސްޓޯގެ އިތުރަށް، ދުރުވިސްނޭ ހިކްމަތްތެރި ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަގީންކަން ކަން ކަށަވަރުވެއްޖެ ކަމަށެވެ.
" އެހެނީ އަޅުގަނޑު މިކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަަޅުގަނޑާއި ހަވާލު ކުރައްވާ މަސައްކަތް. އެމަނިކުފާނު ވަނީ ރާއްޖެ ބަނގުރޫޓު ވިޔަނުދީ ސަލާމަތް ކުރައްވާފައި. ރާއްޖޭގެ އިގުތިސާދުގެ ރޭޓިން މަތިކުރައްވާ، މާލީ އިތުބާރު އިޔާދަކޮށްދެއްވާފައި. އަދި ވާރުތަވި އިގުތިސާދީ އެތައް މައްސަލައަކަށް ހައްލު ހޯއްދަވާފައި. އަދި މި ގައުމުގެ އިގުތިސާދު ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދާއި އެއްސަފަށް ގެންދެވޭނެ ތަސައްވަރުތައް އެކުލަވާލައްވައި، ޢަމަލީސިފަ ގެނަސްދެއްވަން ފައްޓަވާފައި." ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ވެސް ގުޅިލާމެހެނީ ދުނިޔޭގެ އޮއިވަރާކަން އެއީ ދެބަސްނުވެވޭނެ ހަގީގަތް ކަމަށެވެ.





ކޮމެންޓް