Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފޮއްދޫގައި ބުޅަލަށް އަނިޔާކުރާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރެއް

ނ. ފޮއްދޫގައި އުޅޭ ބުޅާތަކަށް އަނިޔާކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރެއް އެ ރަށު ކައުންސިލުން މިއަދު ދީފިއެވެ. ފޮއްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، އެ ރަށުގައި އުޅޭ ބުޅާތަކަށް…

ފޮޓޯ: މާލެ ސިޓީ ކައުންސިލް
ފޮޓޯ: މާލެ ސިޓީ ކައުންސިލް

ނ. ފޮއްދޫގައި އުޅޭ ބުޅާތަކަށް އަނިޔާކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރެއް އެ ރަށު ކައުންސިލުން މިއަދު ދީފިއެވެ.

ފޮއްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، އެ ރަށުގައި އުޅޭ ބުޅާތަކަށް ބައެއް މީހުން އަނިޔާކޮށް، ފުރާނައަށް ގެއްލުންދޭ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި އެ ފަދަ އަމަލުތައް ކުރުމަކީ ޤާނޫނީ ކުށެއްކަން ފާހަގަކުރަމުން ކައުންސިލުން ވަނީ، އެ ފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މި ފަދަ އަމަލުތަކަކީ އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބުނެ، ފޮއްދޫ ކައުންސިލުން ވަނީ އެ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން، އޮޅުކޮށްގެން ޖަނަވާރު ގެންގުޅޭ ފަރާތްތަކުން ވެސް އާންމު ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތުގެ މަތީން ޖަނަވާރު ގެންގުޅުމަށް އެ ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.

އެ ކައުންސިލުން ބުނީ، ޖަނަވާރަށް ކާންދޭން ބޭނުންވާ މީހުންނަށް އެ ކަން ކުރެވޭނީ ގްރީން ހައުސް ސަރަޙައްދު، ލޯކަލް ބީޗާ ކައިރިނުވާ ސަރަހައްދެއްގައި ކަމަށެވެ. އަދި، އާންމު އިޖުތިމާއީ ސަރަޙައްދުތަކާއި މީހުންގެ ގެވަޅުތަކާއި ފަޅުގޯތި ގޯއްޗަށް ކާން އެޅުމަކީ މަނާކަމެއް ކަމުގައި އެ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެ ނޫން ސަރަޙައްދަކަށް ކާން އަޅާ ފަރާތްތަކާ މެދު "ރަށުގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމާ ބެހޭ ޤަވާއިދު"ގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ ކައުންސިލުން ދީފައިވެއެވެ.

ޖަނަވާރަކާ މެދު އަނިޔާވެރި އަމަލު ހިންގުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 625ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ކުށެކެވެ. އަދި އެ ޤާނޫނުގެ ދަށުން، އެ ކުށަށް އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ. އެންމެ ގިނަވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިދާނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް