Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕެންޝަން ފައިސާއިން 65 އަހަރުން މަތި ވިޔަސް ޙައްޖަށް ދެވޭނެ

ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް އޮތް އުމުރުގެ ހުރަސް ނައްތާލައި، 65 އަހަރުން މަތީގެ މީހުންނަށްވެސް އެ ފުރުސަތު ދިނުމަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން
ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖުގެ އަޅުކަން އަދާކުރުމަށް އޮތް އުމުރުގެ ހުރަސް ނައްތާލައި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެސް އެ ފުރުސަތު ލިބޭ ގޮތަށް ޤަވާއިދު އިސްލާހުކޮށް އަމަލުކުރަން ފަށައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް ގެނެވުނު ހަވަނަ އިސްލާހުގެ ދަށުން އެކުލަވާލި ޤަވާއިދެކެވެ.

މީގެކުރިން އޮންނަ އުސޫލުން، އުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށް ނުވަތަ ޙައްޖު ޖާގަ ކަށަވަރުވާއިރު 65 އަހަރު ފުރޭ މީހުންނަށް ޕެންޝަން ފައިސާ ބޭނުންކޮށްގެން ޖާގަ ރިޒާވް ކުރުމުގެ ފުރުސަތެއް ނޯވެއެވެ. ނަމަވެސް އާ ޤަވާއިދާ އެކު، ޝަރުތުހަމަވާ ކޮންމެ ޢުމުރެއްގެ މީހަކަށް ވެސް ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭނެ މަގު ވަނީ ތަނަވަސްވެފައެވެ.

މި ސްކީމުގެ ދަށުން ޙައްޖަށް ދެވޭނީ މީގެކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށެވެ. އަދި އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336,000 ރުފިޔާ ހުންނަން ޖެހެއެވެ. ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާނަމަ، އެ ފައިސާ އުނިކުރުމަށް ފަހު ވެސް އެކައުންޓުގައި 336,000 ރުފިޔާ ހުންނަން ޖެހޭނެ ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.

މި އުސޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން ދަތުރުގެ އަގުގެ 20 އިންސައްތަ ހައްޖު ކޯޕަރޭޝަނަށް ދެއްކުމުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ. ބާކީ 80 އިންސައްތަ ފައިސާ، ހައްޖު ކޯޕަރޭޝަނާ ހަވާލުކުރަންދެން ޕެންޝަން އެކައުންޓުގައި އިންވެސްޓް ކުރެވެމުންދާނެއެވެ.

ޙައްޖަށް ދިއުމަށް ފައިސާ ރިޒާވް ކުރުމުން، މަހުން މަހަށް ލިބޭ ޕެންޝަންގެ އަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ. އެއީ ޕެންޝަން ފައިސާ ހިސާބުކުރާއިރު ޙައްޖަށް ރިޒާވްކުރާ ފައިސާ އުނިކުރާނެތީއެވެ. ނަމަވެސް އެއްވެސް ސަބަބަކާ ހުރެ ޙައްޖު ދަތުރު ކެންސަލްވެއްޖެނަމަ، އެ ފައިސާ އަނބުރާ އެކައުންޓަށް ޖަމާކޮށް ޕެންޝަން އަލުން ހިސާބުކުރާނެ ކަމަށް ވެސް އެ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް