ޗައިނާގެ އެކުއަކަލްޗާ ކުންފުންޏަކަށް ވަޒީރު ޝިޔާމް ޒިޔާރަތްކުރައްވައިފި
ޗައިނާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި މިނިސްޓަރު ޝިޔާމް އެ ގައުމުގެ އެކުއަކަލްޗާ ކުންފުންޏަކަށް ޒިޔާރަތްކުރައްވައި، އެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން އޮތް ގުޅުން ބަދަހިކުރުމަށް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ޗައިނާގެ ހައިނާން ޕްރޮވިންސްގައި ހުންނަ ކަނޑުގެ ދިރުންތައް އާލާކުރާ ކުންފުންޏަކަށް ޒިޔާރަތްކުރައްވައިފިއެވެ.
މިނިސްޓަރު ޝިޔާމް ޒިޔާރަތްކުރެއްވީ އެކުއެޓިކް ސީޑް އުފެއްދުމާއި އެކުއަކަލްޗާ ޓެކްނޮލޮޖީއަށް ހާއްސަ ކުންފުންޏެއް ކަމަށްވާ "ލިންގްޝުއީ ޗެންހައި ސީޑް އިންޑަސްޓްރީ ކޯ ލިމިޓެޑް" އަށެވެ. މިއީ ހައިނާންގައި ބޭއްވި 7ވަނަ ސިމްޕޯޒިއަމް އޮން ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަރނަންސްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
މި ޒިޔާރަތުގައި އެ ކުންފުނީގެ ދިރާސާތަކާއި، އުފެއްދުންތެރިކަމުގެ ނިޒާމުތަކުގެ އިތުރުން މެރިން ސީޑް ޕްރޮޑަކްޝަނުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީތައް މިނިސްޓަރު ބައްލަވާލެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ މަސްވެރިކަމާއި އެކުއަކަލްޗާ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، ތަޖުރިބާ ހިއްސާކުރުމާއި އިންސާނީ ވަސީލަތް ބިނާކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ވަނީ މަޝްވަރާކޮށްފައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ، މި ޒިޔާރަތުގެ ސަބަބުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަތުމަށް ފުރުސަތު ލިބުނު ކަމަށެވެ. ބައިނަލްއަގުވާމީ އެހީތެރިކަމާ އެކު މި ސިނާއަތް ކުރިއެރުވުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެކެވެ.





ކޮމެންޓް