އެމްޑަބްލިއުއެސްސީގެ ޚިދުމަތްތަކަށް 1575، ކުއްލި ޙާލަތަށް 105 ހަމަޖައްސައިފި
އެމްޑަބްލިއުއެސްސީގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ކަސްޓަމަރ ކެއަރ އަދި ކުއްލި ހާލަތްތަކުގައި ގުޅާނެ ހާއްސަ ނަންބަރުތަކެއް އެ ކުންފުނިން ކަނޑައަޅައިފިއެވެ.

މާލޭ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ލުއިފަސޭހަކޮށް، ފެންވަރު މަތިކުރުމުގެ ގޮތުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެ ކުންފުނިން ބުނީ، ޚިދުމަތްތަކާ ގުޅޭ މައުލޫމާތާއި އެހީތެރިކަން ހޯދުމަށް މިހާރު ބޭނުންކުރާނީ ކަސްޓަމަރ ކެއަރ ހޮޓްލައިން 1575ކަމަށެވެ. މި ނަންބަރުގެ ޚިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން ދަންވަރު 12:00އަށް ލިބިގެންދާނެ ކަމަށާއި އެ ކުންފުނިން ކަސްޓަމަރުންނަށް ގުޅާއިރު ވެސް ކަސްޓަމަރުގެ ފޯނުން ފެންނަން އިންނާނީ އެ ނަންބަރު ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
ކުއްލި ޙާލަތްތަކުގައި ގުޅުމަށް އެމްޑަބްލިއުއެސްސީން ހާއްސަކޮށްފައި ވަނީ 105 ނަންބަރެވެ. އެމަޖެންސީ ހޮޓްލައިންގެ ގޮތުގައި ކަނޑައަޅާފައިވާ މި ނަންބަރަށް ހަފުތާގެ ހަތް ދުވަހު 24 ގަޑިއިރު މެދުކެނޑުމެއް ނެތި ގުޅޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޑަބްލިއުއެސްސީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުން ކަމަށްވާތީ، ކަނޑައެޅިފައިވާ ކަންކަމުގައި އެ ނަންބަރުތައް ބޭނުންކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.






ކޮމެންޓް