މާލެއިން 97 ބިދޭސީއަކު ބަލައި ފާސްކޮށް، 2 މީހަކު ހައްޔަރަށް
މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި އިއްޔެ 97 މީހަކު ބަލައި ފާސްކޮށް، ދެ މީހަކު ވަނީ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މާލޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ އެކަނި ވެސް 97 ބިދޭސީއެއްގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި ޤަވާއިދާ ޚިލާފަށް އުޅުނު ދެ މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އެކުލަވާލާފައިވާ ޚާއްސަ ޓާސްކްފޯހުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން މި އޮޕަރޭޝަނުގެ ދަށުން ބިދޭސީންގެ ލިޔެކިޔުންތައް ޗެކްކޮށް، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންނާއި، ދިވެހިންގެ ނިވަލުގައި ތިބެ ޤަވާއިދާ ޚިލާފު ވިޔަފާރިތައް ހިންގާ ބިދޭސީން ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފެނިއްޖެނަމަ އިތުރު ފުރުސަތެއް ނުދީ ޑީޕޯޓު ކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.






ކޮމެންޓް