Sunday, 8 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް މާލީ ހިސާބުތައް ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ފޮޓޯ: ދެން މީޑިއާ ފައިލް
ފޮޓޯ: ދެން މީޑިއާ ފައިލް

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ)އިން އަދާލަތު ޕާޓީ ޖޫރިމަނާކޮށްފިއެވެ.

އެ ޕާޓީ ޖޫރިމަނާކޮށްފައި ވަނީ 25,000 ރުފިޔާއިންނެވެ.

އީސީން ބުނީ އަދާލަތު ޕާޓީ ޖޫރިމަނާކުރަން ނިންމީ، 2026 އޮކްޓޫބަރު 05ގައި އެ ޕާޓީން ހުށަހެޅި 2024ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި، ހަރަދުތަކުގެ ތަފްސީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަން ހާމަވެފައިވާތީ ކަމަށެވެ. މިއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 41ވަނަ މާއްދާއާ ހިލާފު ކަމެއްކަން ކޮމިޝަނުން ފާހަގަކުރެއެވެ.

އެ ޤާނޫނުގެ 41ވަނަ މާއްދާގެ ދަށުން ޕާޓީތަކުން ކުރާ ހުރިހާ ހަރަދެއްގެ ތަފްސީލު ބެލެހެއްޓުން ލާޒިމުކުރެއެވެ. ނަމަވެސް އަދާލަތު ޕާޓީގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގުތަކާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާތީ، އެކަންކަން ކަށަވަރު ކުރެވެން ނެތް ކަމަށް އޮޑިޓަރު ފާހަގަކޮށްފައިވާ ކަމަށް އީސީން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ކޮންމެ އަހަރެއްގެ ފުރަތަމަ ތިން މަސް ތެރޭގައި އަހަރީ ރިޕޯޓާއި މާލީ ރިޕޯޓު އީސީއަށް ހުށަހަޅަން ޖެހެއެވެ. ޖޫރިމަނާ ފައިސާ ދައްކަން ދީފައިވާ މުއްދަތުގައި ނުދައްކައިފިނަމަ، ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށާއި، އަދި ދައުލަތުން ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން އެ އަދަދު އުނިކުރާނެ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް