ފުލުހުންނަކީ ހަމައެކަނި ޖިސްމާނީ ބާރު ދައްކާ ބައެއް ނޫން: ސީޕީ

ފުލުހުންނަކީ ހަމައެކަނި ޖިސްމާނީ ބާރު ދައްކާ ބައެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭކަމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕޮލިސް ކޮމިޝަނަރު އެފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުން 2027ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށް އިސްކަންދަރު ކޮށީގައި މިއަދު ފެށި "އެންސީޕީއެލްއީ އެނުއަލް ޕޮލިސިން ކޮންފަރެންސް 2026" ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކޮމިޝަނަރުގެ ވާހަކަފުޅުގައި، މުޖުތަމައަށް އަންނަ ބަދަލުތަކާ އެކު ފުލުހުންގެ ފަލްސަފާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، މިއަދުގެ ޒަމާނީ ފުލުހުންގެ މަސައްކަތް ބިނާވެގެންވަނީ ކުށް ހިންގުމުން ހަމައެކަނި ރެސްޕޮންޑްކޮށް ތަހުގީގު ކުރުމުގެ މައްޗަށް އެކަނި ނޫން ކަމަށާއި، ކުށް އުފެދެން މެދުވެރިވާ އިޖުތިމާއީ، އިގުތިސާދީ އަދި ނަފްސާނީ އަސްލު ސަބަބުތައް ހޯދައި ދެނެގަތުމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގެ އަޑިއަށް ވާސިލުވެވެނީ އެކަޑެމިކް ރިސާޗާއި "އެވިޑެންސް ބޭސްޑް ޕޮލިސިންގ" ތިއަރީތައް އަމަލީ މައިދާނުގައި ތަންފީޒުކޮށްގެން ކަމަށް ވިދާޅުވިއެވެ.
ފުލުހުންނަކީ ހަމައެކަނި ހަށިގަނޑު ވަރުގަދަކޮށް ޖިސްމާނީ ބާރު ދައްކާ ބައެއްގެ ގޮތުގައި އޮންނަ ކުށްހީ ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ، މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި މުހިންމު ތިން އަސާސެއް ފުރިހަމަވާންޖެހޭނެ ކަމަށެވެ. އެއީ އިލްމީ ގާބިލުކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ވިސްނުންތޫނުކަމާ އެކު ޖިސްމާނީ ދުޅަހެޔޮކަން ހުރުންކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ކޮންމެ ފުލުހަކީ ވެސް އިލްމީ ވިސްނުމުގެ އަލީގައި އަމަލީ މައިދާނުގައި ނަތީޖާ ނެރޭ ފަންނީ މީހަކަށް (އިންޓެލެކްޗުއަލް ޕްރެކްޓިޝަނަރ އަކަށް) ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މި މަހާސިންތާގެ ތެރެއިން ހުށަހެޅިގެންދާ ދިރާސީ ކަރުދާސްތަކަކީ ހަމައެކަނި އިލްމީ ބަހުސެއްގެ ގޮތުގައި ނިންމާލާނެ އެއްޗެއް ނޫން ކަމަށާއި، މި ކަރުދާސްތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 2027ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި ކުރިމަގުގެ ސްޓްރެޓީޖިކް މިސްރާބު ބައްޓަންކުރުމުގެ މައިގަނޑު އަސާސް ކަމުގެ ޔަގީންކަން ކޮމިޝަނަރ ދެއްވިއެވެ.




.jpeg)

ކޮމެންޓް