ތުރުކީގެ ޕޮލިސް އެކެޑަމީއިން ދިވެހި ފުލުހުން ތަމްރީންކުރަނީ
.jpeg)
ތުރުކީގެ ޕޮލިސް އެކެޑަމީއިން ދިވެހި ފުލުހުން ތަމްރީންކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ޓާކިޝް ނޭޝަނަލް ޕޮލިސް އެކަޑަމީގައި ހިންގާ އަންޑަރގްރެޖުއޭޓް ތަމްރީނު ޕްރޮގްރާމާއި، ޕޮލިސް ޗީފް ޓްރެއިނިންގ އެންޑް ސެކިއުރިޓީ މެނޭޖްމަންޓް ޕްރޮގްރާމުގައި ދިވެހި ފުލުހުން ބައިވެރިވެފައިވާ ކަމަށެވެ.
މި ޕްރޮގްރާމްތަކަކީ އޮފިސަރުންގެ ފަންނީ މައުލޫމާތު މުއްސަނދިކޮށް، ލީޑަރޝިޕާއި ސެކިއުރިޓީ މެނޭޖްމަންޓް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް ލިބިގެންދާ ފުރުސަތެއްކަމަށް ފުލުހުން ބުންޏެވެ.
އެ ޕްރޮގްރާމްތަކުގައި ބައިވެރިވާ ފުލުހުން ފުރުމުގެ ކުރިން ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވަނީ އެ ފުލުހުންނާ ބައްދަލުކުރައްވައިފައެވެ. އޭނާ ވަނީ ކުރިމަގަށް ތައްޔާރުވެފައިވާ ގާބިލު ފުލުހުންގެ ޚިދުމަތެއް ބިނާކުރުމުގައި މަތީ ތައުލީމާއި ފަންނީ ހުނަރު ކުރިއެރުވުމަށް ދެވޭ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ލިބިފައިވާ މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ލީޑަރޝިޕް ހުނަރުތައް އިތުރަށް ތަރައްގީކޮށް، ތައުލީމާއި ތަޖުރިބާގެ އަލީގައި ރާއްޖޭގެ ޕޮލިސިންގ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް އޮފިސަރުންނަށް ކޮމިޝަނަރު ހިތްވަރު ދެއްވިއެވެ.




ކޮމެންޓް