ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ސަމީރާއި ރައޫފް

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ކުރިމަތިލައްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީއެވެ. އެހެންވެ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހެނދުނު 10 ޖަހަންދެން އޮތީ ހުޅުވާލައިފައެވެ.
ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވީ ވަގުތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ ސަމީރުއާއި ރައޫފް ކަމަށެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން ސުޕްރީމް ކޯޓަށް އައްޔަނުކުރާނެ ބޭފުޅެއް ކަނޑައަޅާނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިންއެވެ. އަދި އެއަށް ފަހު މަޖިލީހުގެ ތަޅުމުގައި އެ ބޭފުޅަކަށް ރުހުން އޮތްތޯ ބަލަން ވޯޓެއް ނަގާނެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މުސާރައާ އިނާޔަތްތަކުގެ ގޮތުގައި 80،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެއެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ސުންނަތް ޖަމާއަތުގެ މުސްލިމަކަށްވުމާއި އަދި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިނުވާ މީހެއް ކަމުގައި ވުން ހިމެނެއެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.



.jpeg)

ކޮމެންޓް