ޝާހިދު ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މައްސަލަ ބަލައިގެންފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ނެރުނު އަމުރު ބާތިލުކުރުމަށް އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
ޝާހިދުގެ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހުއެވެ. ހައިކޯޓުން މި މައްސަލަ ބަލައިގަތުމަށް ނިންމީ އިއްޔެއެވެ. ބަންދާ ގުޅޭ މައްސަލައަކަށް ވާތީ، މި މައްސަލައިގެ ޝަރީއަތް ލަސްތަކެއް ނުވެ ކުރިއަށް ދާނެ ކަމަށް ބެލެވެއެވެ.
ޝާހިދު ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.
ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ޝާހިދު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލުމަށްޓަކައި ދައްކާ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޝާހިދު ހައްޔަރުކުރުމުގައި އެއްވެސް ސިޔާސީ މަގުސަދެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ޝާހިދުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިފައި މިވަނީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ މަސައްކަތްޕުޅު އޭނާ ފައްޓަވާފައި ވަނިކޮށެވެ.





ކޮމެންޓް