ފަތުރުވެރިކަމުގެ އާމްދަނީގެ 40 އިންސައްތަ ހަމައެކަނި ރަސްމާލެއިން ލިބޭނެ: ވަޒީރު މުއްތަލިބު
ރަސްމާލެ މަޝްރޫއު ނިމުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ އާމްދަނީގެ 40 އިންސައްތަ އެ ސަރަހައްދުން ލިބޭނެ ކަމަށް ވަޒީރު ޑރ. މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ އާމްދަނީގެ 40 އިންސައްތަ އެކަނި ލިބޭނެ މަޝްރޫއެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރޭ ކުރިއަށްދިޔަ "އަހާ" ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ފަޅުތަކާއި ރަށްތައް ދޫކޮށްފައި ވަނީ ދައުލަތަށް އެންމެ އެކަށީގެންވާ މަންފާ ލިބޭ ގޮތަކަށް ނޫނެވެ. މިސާލެއްގެ ގޮތުން އެނބޫދޫ ފަޅުގެ 700 ހެކްޓަރު 40 މިލިއަން ޑޮލަރަށް ދޫކޮށްފައިވީ ނަމަވެސް، އެތަނުން ލިބޭ ފައިދާ ކުޑަކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ އެއްފަހަރާ ލިބޭ ފައިސާއަށްވުރެ ބޮޑަށް، ދުރު މުސްތަގުބަލުގައި ދައުލަތަށް މަންފާވާނެ ގޮތަށް ކަންކަން ބައްޓަންކުރުން ކަމަށް ވިދާޅުވިއެވެ.
ރަސްމާލޭގައި 8,800 ޕްރޮޕަޓީއާއި ގާތްގަނޑަކަށް 30,000 އެނދު ތަރައްޤީކުރުމަށް ވަނީ ރޭވިފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގެ 20,000 ހެކްޓަރުގެ ރަށްތަކާއި ފަޅުތަކުން ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ޖުމްލަ ލިބެނީ 5.4 ބިލިއަން ޑޮލަރެވެ. ނަމަވެސް ރަސްމާލެއިން އެކަނި ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އާމްދަނީގެ ތަފްސީލު ދެއްވަމުން މުއްތަލިބު ވިދާޅުވީ، މުޅި ސެކްޓަރުން ޓީޖީއެސްޓީގެ ގޮތުގައި 700 މިލިއަން ޑޮލަރު ލިބޭއިރު، ރަސްމާލެއިން އެކަނި 340 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. މީގެ އިތުރުން ރަސްމާލޭގައި ތަރައްޤީކުރާ ޕްރޮޕަޓީތަކަކީ ބޭރުގެ ފަރާތްތަކަށް "ހޮލިޑޭ ހޯމް" ތަކެއްގެ ގޮތުގައި ބޭނުންކުރެވޭނެ ތަންތަން ކަމަށާއި، އެތަނުގައި އެއްވެސް ބަޔަކު ރަށްވެހި ނުވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.






ކޮމެންޓް