އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުމަކީ ތަރައްޤީއަށް އެޅޭ ހުރަހެއް: އިރުތިޝާމް
ރާއްޖޭގައި ހިންގާ ބޭރުގެ މަޝްރޫއުތަކާ ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުމަކީ ގައުމުތަކާއެކު އޮންނަ ގުޅުމަށް ބުރޫއަރައި، އޭގެ ނޭދެވޭ އަސަރު މުސްތަގުބަލަށް ކުރާނެ ކަމެއް ކަމަށް ހާރިޖީ ވަޒީރު…
ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓްމަންޓްތަކާއި، އެކި ޤައުމުތަކުގެ ވިޔަފާރިވެރިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ގުޅުވައިގެން ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ އޭގެ ގެއްލުން އެތައް ޖީލަކަށް ދެމިގެންދާނެ، ތަރައްޤީއަށް އެޅޭ ހުރަހެއް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވަޒީރުންނާ ސުވާލުކުރުމަށް ބާއްވާ "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއާ ގުޅުން އޮންނަ ޤައުމުތަކުން ދިވެހިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް ހާރިޖިއްޔާއިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ވިސާގެ ލުއިތަކާއި، ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތަކުގެ އިތުރުން ވިޔަފާރި އާއި އިންވެސްޓްމަންޓްތައް ފުޅާކުރުން ހިމެނެއެވެ.
ޤައުމުތަކުން ލުއި ލޯނާއި ހިލޭ އެހީގެ މަޝްރޫއުތައް ހޯދުމަށް މަޝްވަރާ ކުރަމުންދާކަން ފާހަގަކުރެއްވައި ވަޒީރު ވިދާޅުވީ، ދޭދޭ ޤައުމުތަކުގެ ގުޅުމަށް ހީނަރުކަން އަންނަ ފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވެސް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
ބޭރު ޤައުމުތަކަށް ދަތުރުކުރާ ދިވެހިން ރާއްޖޭގެ ރީތި ނަން ހިފަހައްޓައި، އެ ޤައުމުތަކުގެ ޤާނޫނުތަކަށް އިޙުތިރާމް ކުރުމަށް ވަޒީރު އިލްތިމާސް ކުރެއްވިއެވެ. އެއީ ދިވެހިންނަށް ލިބިފައިވާ ފައިދާތައް ދެމެހެއްޓުމަށްޓަކައި މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރަސްމާލޭ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ބޭރު ޤައުމުތަކާ ގުޅުންހުރި މިފަދަ މަޝްރޫއުތަކާ މެދު ދައްކާ ވާހަކަތަކުގެ ސަބަބުން ޤައުމުތަކުގެ ގުޅުން ހީނަރުވެދާނެ ކަމަށެވެ. މިސާލެއްގެ ގޮތުން، މީގެ ކުރިން ސައުދީ އަރަބިއްޔާއާ އެކު ހިންގަން އުޅުނު މަޝްރޫއަކަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔުމުގެ ސަބަބުން އެ މަޝްރޫއު ހުއްޓި، ގުޅުމަށް ބުރޫއެރިކަން ފާހަގަކުރެއްވިއެވެ.
އިރުތިޝާމް ވިދާޅުވީ މިފަދަ ވާހަކަތަކުގެ ސަބަބުން ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ލިބޭ ގެއްލުމަކީ ހަމައެކަނި މިއަދު ތަހައްމަލު ކުރަންޖެހޭނެ ކަމެއް ނޫން ކަމަށާއި، އެއީ އަންނަން އޮތް ޖީލުތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށެވެ.






ކޮމެންޓް