ފޯޅަވަހީގެ މައްސަލަ ބަލާ ކޮމިޝަންގެ ރައީސްކަމަށް ޑރ. މުހުސިން
ފޯޅަވަހީގެ މައްސަލައިގައި ރާއްޖޭން އަމަލުކުރި ގޮތް ބަލަން ރައީސް އުފެއްދެވި ކޮމިޝަންގެ ރައީސްކަމަށް ޑރ. މުހުސިން އައްޔަންކުރައްވައި، ކޮމިޝަނުގެ މެންބަރުންނަށް ބަދަލުތަކެއް ގެންނަވައިފިއެވެ.

ފޯޅަވަހީގެ މައްސަލައިގައި ރާއްޖޭން އަމަލުކުރި ގޮތް ތަހުޤީޤު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޚާއްޞަ ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައިފިއެވެ.
މިއީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިއުލާން ކުރެއްވި ކޮމިޝަނެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި މި ކޮމިޝަންގެ ރައީސްގެ މަޤާމަށް މިހާރު ވަނީ ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު އައްޔަން ކުރައްވާފައެވެ. އެ މަޤާމުގައި ކުރިން ހުންނެވީ އަލްއުސްތާޛު އަޙްމަދު ޝާކިރުއެވެ. މީގެ އިތުރުން ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބަ ވާނީ ކެޕްޓަން އަޙްމަދު ޒުބައިރު، ޑރ. އާމިނަތު ޝާފިޔާ އާދަމް، ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ޞާދިޤް، އަޙްމަދު ޢަލީމަނިކު، އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު އަދި އަލްއުސްތާޛާ އާއިޝަތު ފަޒްނާ އަޙްމަދުއެވެ.
މި ކޮމިޝަނުގެ މައިގަނޑު މަޤްސަދަކީ، މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔުމުގައި ދައުލަތުގެ ފަރާތުން އަމަލުކުރި ގޮތް ބެލުމެވެ. ބައިނަލްއަގުވާމީ މާހިރުންގެ ރިޕޯޓުތަކާ ހަވާލާދީ ރައީސް އޮފީހުން ބުނީ، ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުނީ އޭރު ދައުލަތުން ކަންކުރި ގޮތުން ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި، އިޓްލޮސްގެ މައްސަލައިގައި ޖަވާބުދާރީވުމުގައި ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކުން އަމަލުކުރި ގޮތް ތަހުގީގު ކުރުން ހިމެނެއެވެ. އަދި އެއްވެސް ފަރާތެއްގެ ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ލަފާދިނުމަކީ ވެސް މި ކޮމިޝަނުގެ މަސައްކަތެކެވެ.
މީގެ އިތުރުން، މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓި ގޮތް ތަހުގީގުކޮށް، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރާނެ ގޮތުގެ ހުށަހެޅުންތައް ތައްޔާރު ކުރަން ޖެހެއެވެ. މި ކޮމިޝަން ދެމިއޮންނާނީ އޭގެ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެނެވެ.





ކޮމެންޓް