ޕެރޯލް ބޯޑު އަލުން އެކުލަވާލައިފި

ގައިދީންގެ ބަންދާމެދު ގޮތް ނިންމާ ޕެރޯލް ބޯޑު އަލުން އެކުލަވާލައިފިއެވެ.
މިދިޔަ މަހު ޕެރޯލް ބޯޑުގެ ހުރިހާ މެމްބަރުން ވަކިކުރީ ޑްރަގު މައްސަލައެއްގައި 25އަހަރުގެ ޖަލު ހުކުމެއްގައި ހުރި އަބްދުﷲ އިބްރާހީމް (އަބުޗާ)ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައިގައި އަބްދުﷲގެ ޕެރޯލް ބާތިލުކޮށް ފަހުން އަލުން ވަނީ ޖަލަށް އަނބުރާ ގެނެސްފައެވެ.
ހޯމް މިނިސްޓްރީން ބުނީ އެ ބޯޑު މިހާރު އަލުން އެކުލަވާލައިފައިވާ ކަމަށެވެ.
ޕެރޯލް ބޯޑުގައި ނުވަ މެމްބަރުން ތަމްސީލުކުރައްވައެވެ.
އޭގެ ތެރޭގައި ހިމެނެނީ ބަންޑާރަ ނައިބުގެ އޮފީސް، ފުލުހުން، ކަރެކްޝަންސް، އެޑިއުކޭޝަން މިނިސްޓްރީ، ހެލްތު މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، އަދި ޖަމިއްޔާތަކުން މެމްބަރެކެވެ.
އޭގެ އިތުރުން ނަފްސާނީ ބަލިތަކުގެ ޑޮކްޓަރަކާއި އަދި ޖެނެރަލް ޑޮކްޓަރެއް ވެސް އެ ބޯޑު ތަމްސީލުކުރައްވައެވެ.
އަބުޗީގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން ކުރިން ވިދާޅުވީ އޭނާ ދޫކޮށްލީ ޕެރޯލް ބޯޑުން ކަންކަން ރަނގަޅަށް ނުބެލުމުން ކަމަށެވެ.



ކޮމެންޓް