އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވަނީ

ބޮޑު އަގުގައި މައިކްރޯޕިޕެޓް ޓިޕްތަކެއް ހޯދި މައްސަލައިގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ނިންމައިފިއެވެ.
އޭސީސީން ބުނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ހަތަރު މަސްދުވަހަށް ބޭނުންވާ 40,000 މައިކްރޯޕިޕެޓް ހޯދުމަށް އެ ހޮސްޕިޓަލުން މިދިޔަ އަހަރު 2025ވަނަ އަހަރު ކުރި އިއުލާނާ ގުޅިގެން ބީލަން ހުށަހެޅީ އެންމެ ފަރާތެއް ކަމަށާއި އަދި އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއްނެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އާ ޚިލާފަށް އެ ތަކެތި ހޯދާފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އެހެންވެ އެ މައްސަލައިގައި ހަތަރު މީހަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވަން އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން މި މައްސަލައިގައި ދަޢުވާ ކޮށްދެއްވުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވާ ފަރާތްތަކަކީ:
• މުޙައްމަދު ޞާއިން އަޙްމަދު (ފިޔަނޫމާގެ/ ސ. ހިތަދޫ) – ޕްރޮކިއުމަންޓް އޮފިސަރ / ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި (ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި ފަރާތް)
• ޢަޡީމް ލަޠީފް (އެވެރެސްޓު/ ސ. ހިތަދޫ) – ސީނިއަރ ހެލްތުކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ (ކުންފުނިން ހުށަހެޅި އަގުގައި އެ އައިޓަމް ސަޕްލައިކުރުމަށް ނިންމި ބިޑު ކޮމިޓީގެ ޗެއަރޕާސަން)
• ޢަބްދުﷲ ވަޙީދު (ތައުރުއްގެ/ ސ. ހިތަދޫ) – ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ (ބިޑު ކޮމިޓީގެ މެންބަރު)
• ޑރ. ފާތިމަތު އަމާނީ ނަސީރު (ހަންހާރުގެ/ ސ. ހިތަދޫ) – ޕީޑިއެޓްރީޝަން (ބިޑު ކޮމިޓީގެ މެންބަރު)
މި ފަރާތްތަކުގެ މައްޗަށް ދަޢުވާ ކޮށްދެއްވުމަށް އެދި ފޮނުވަން ނިންމާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާކަމަށް އޭސީސީން ބުންޏެވެ.




ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.