އެފްޑީސީގެ އެޕާޓްމަންޓް ކުއްޔަން ދިން ހަތް ފަރާތެއް ޖޫރިމަނާކޮށްފި

ޤަވައިދާ ޚިލާފަށް އެޕާޓްމަންޓް ކުއްޔަން ދިން ހަތް ފަރާތެއް ފަހި ދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ)އިން ޖޫރިމަނާކޮށްފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކުރި 4000 ފްލެޓަކީ ސޯޝަލް ހައުސިން ސްކީމުން ތަރައްގީކުރި ފްލެޓްތަކަކަށްވާތީ އެ ތަންތަން ކުއްޔަށް ނުދެވޭނެކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.
އެފްޑީސީން ބުނީ މި މަހުގެ ފަހެއްގެ ނިޔަލަށް ޤަވައިދާ ޚިލާފަށް އެޕާޓްމަންޓް ކުއްޔަށް ދިން ހަތް ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ނުވަ މައްސަލައެއް މިހާރު ވެސް ބަލަމުންދާއިރު ދެ ފަރާތަކަށް ނޯޓިސް ދީފައިވާކަމަށް ވެސް ބުންޏެވެ.
އެފްޑީސީން ބުނީ މިމަހުގެ ފަހަކާ ހަމައަށް މަހުން މަހަށް ގަވައިދުން 3432 ފްލެޓުން ކުލި ދައްކަމުންދާ ކަމަށެވެ. އަދި 495 ފްލެޓުން ކުލި ނުދައްކާކަމަށް ވެސް ބުންޏެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "އަމާން ދޯދި" އަދި "އަމާން އުދަރެސް" ޓަވަރުތަކުން ފްލެޓް ލިބުނު މީހުންގެ ތެރެއިން 500 އަށްވުރެ ގިނަ އާއިލާއިން ޤަވާއިދުން ކުލި ނުދައްކާކަމުގެ ކަންބޮޑުވުން އެ ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ވެސް ފާޅުކޮށްފައެވެ.
އެފްޑީސީން ބުނީ އެ މައްސަލަތަކުގެ އިތުރުން ހުއްދަނެތި އެޕާޓްމަންޓްތަކަށް ބަދަލު ގެނައުމުގެ މައްސަލަވެސް ބޮޑު ކަމަށެވެ. އެގޮތުން އެފަދަ 44 މައްސަލައެއް މި މަހުގެ ފަހަކާ ހަމައަށް ހުށަހަޅާފައިވާއިރު 14 ފަރާތެއް ޖޫރިމަނާކުރެވިފައިވާ ކަމަށް ބުންޏެވެ.




ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.