ބަންދުގައި ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ: މެޓް
މިއަދު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ. ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސަރުކާރު ބަންދު 4 ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ މިއަދު ހުދު ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. މި ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 7:00އިން ފެށިގެން މެންދުރުފަހު 1:00ގެ ނިޔަލަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މިހާރު ކުރަމުންދާ ވިއްސާރަގައި ހުރިހާ ހިސާބަކަށް ވެސް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހާއި ސަލާމަތީ ހިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި އޮތުމުން، ގިނަ ބަޔަކު ދަތުރުފަތުރު ކުރާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން، ދަތުރުކުރާއިރު އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމު އަދި ދިޔަހިއްކާ ޕަންޕު ފަދަ ވަސީލަތްތައް ހަމައަށް ހުރިތޯ ޗެކްކުރުމަށާއި، ދަތުރުގެ މައުލޫމާތު ހިއްސާކުރުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.






ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.