Thursday, 12 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޕެންޝަން ފައިސާގައި ޙައްޖަށް ދެވޭ 24،000 އެއްހާ މީހުން އެބަތިބި: ޕެންޝަން އޮފީސް

ޕެންޝަން ގާނޫނަށް ގެނައި ބަދަލާއެކު 65 އަހަރުން މަތީގެ މީހުންނަށް ވެސް ފުރުސަތު ހުޅުވިފައިވާއިރު، ޝަރުތު ހަމަވާ 24،000 އެއްހާ މީހުން އެބަތިބި ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން
ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

ޕެންޝަން ސްކީމުގައި ހުރި ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމުގެ ޝަރުތު ހަމަވާ 24،000 އެއްހާ މީހުން އެބަތިބި ކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފިއެވެ.

ޕެންޝަން ފައިސާ ބޭނުންކޮށްގެން ސީދާ ހައްޖަށް ދެވެނީ އެ މީހެއްގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި 336،000 ރުފިޔާ ހަމަވާނަމައެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ޝަމްއާން ޝާކިރު ވިދާޅުވީ، ޕެންޝަން ޤާނޫނަށް މިމަހުގެ ފަސްވަނަ ދުވަހު ގެނައި އިސްލާހާ އެކު، އުމުރުން 65 އަހަރު ފުރުމަށް ފަހު ވެސް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ހައްޖަށް ދިއުމަށް ބޭނުންކުރެވޭނެ މަގު ފަހިވެފައިވާ ކަމަށެވެ. މީގެ ކުރިން އޮންނަ ގޮތުން 65 އަހަރު ވުމުން ޕެންޝަން ފައިސާ މިކަމަށް ބޭނުމެއް ނުކުރެވެއެވެ.

ހައްޖު ކޯޕަރޭޝަންގެ ހެޑް އޮފް މާކެޓިންގ އަބްދުﷲ މުއާޒު ވިދާޅުވީ، 336،000 ރުފިޔާ ހަމަނުވި ނަމަވެސް، ހައްޖުގެ އަގު ކަމަށްވާ 69،965 ރުފިޔާގެ 75 އިންސައްތަ އަމިއްލައަށް ދައްކައިގެން ހައްޖު ކިއުއަށް އެރޭނެ ކަމަށެވެ. އަދި ހައްޖަށްދާ އަހަރު ފަންޑުގައި 336،000 ރުފިޔާ ހަމަވެއްޖެނަމަ އެ ފައިސާ ބޭނުންކުރެވޭނެ ކަމަށާއި، އޭރުން ކުރިން އަމިއްލައަށް ދެއްކި ފައިސާގެ ތެރެއިން 20 އިންސައްތަ ފަންޑުގައި ބެހެއްޓުމަށްފަހު ބާކީ ބައި އަނބުރާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އަހަރަކު ލިބޭ 1،000 ހައްޖު ކޯޓާގެ ތެރެއިން އާންމު އުސޫލުން މިހާރު ނަން ނޯޓުކުރާ މީހުންނަށް ފުރުސަތު ލިބޭނީ 2043ވަނަ އަހަރު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. ޕެންޝަން ސްކީމަށް ގެނައި ބަދަލާއެކު، އަމިއްލަ އަތުގައި ފައިސާ ނެތް ނަމަވެސް ގިނަ ބަޔަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.