ކެފޭއެއްގައި ބަޔަކު ރަހީނު ކުރި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި، އެ މީހުންނަށް އަނިޔާކޮށް ބިރުދެއްކި މައްސަލައެއްގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައިގައި ކުރިން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ، އިފުހާމް އަހުމަދު (19 އ) ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫ، ޒެނިތު، އައިހަމް އާދިލް، 24، އާއި ކ. ކާށިދޫ، ދުންތަރި، މުހައްމަދު ޝުނާން، 21، ވެސް ހަމަ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފަހުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖެހިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެ މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެންމެ ފުރަތަމަ ހައްޔަރުކުރި އިފްހާމް 20 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
މި މައްސަލައިގައި އިފްހާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ފުލުހުން ވަނީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ބަޔާންތަކާއި، މެޑިކޯ ލީގަލް ރިޕޯޓާއި، އަނިޔާގެ ފޮޓޯތަކުގެ އިތުރުން ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތައް ހެކީގެ ގޮތުގައި ހުށަހަޅާފައެވެ. ކޯޓުން ނިންމާފައި ވަނީ މި ކުށްތައް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށެވެ.
ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައި ވަނީ، ކެފޭ ތެރޭގައި ބަޔަކު ހިފަހައްޓައި، އެ މީހުންގެ ފޯނުތައް ނުދީފިނަމަ ބިއްލޫރިފުޅިއަކުން ހަމަލާދޭނެ ކަމަށް ބުނެ އިފުހާމް ބިރުދައްކާފައިވާ ކަމަށެވެ. އަދި ތިން ގަޑިއިރެއްހާއިރު ވަންދެން އެ މީހުން ހިފަހައްޓައި، އަބުރަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ފޮޓޯ އާއި ވީޑިއޯ ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.