Friday, 13 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޤާނޫނާ ޚިލާފުވާ ނަމަ އެއްވުން ހުއްޓުވާނަން: ފުލުހުން

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ މާލޭގައި ބާއްވަން އުޅޭ އެއްވުމަކީ ގާނޫނާ އެއްގޮތަށް ހުއްދަ ހޯދުމެއް ނެތި ބާއްވާ އެއްވުމެއް ކަމަށް ފުލުހުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ
ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގާ "މޯލްޑިވް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ މާލޭގައި ބާއްވަން އިއުލާނުކޮށްފައިވާ މުޒާހަރާއަކީ، ގާނޫނުގައިވާ ގޮތުގެ މަތިން ހުއްދަ ހޯދުމެއް ނެތި އަދި އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި ބާއްވާ އެއްވުމެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އެއްވުމެއް ބާއްވާނަމަ އެކަމުގެ ނޯޓިސް ދިނުމަކީ އިންތިޒާމުކުރާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް މިރޭގެ އެއްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސަލާމަތީ ކަންކަމާ ގުޅޭ ކަމެއް އެއްވެސް ފަރާތަކުން ހިއްސާކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެއްވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތައް ކުރިމަތިވެދާނެތީ، ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށްގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޤާނޫނާ ޚިލާފު އަމަލެއް ހިންގައިފިނަމަ އެކަން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.

މާލޭގައި ކުރިއާލައި އެންގުމަކާ ނުލައި އެއްވެވެނީ ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކެއްގައެވެ. މި ސަރުކާރުން ވަނީ ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނާއި، އިންޑަސްޓްރިއަލް ވިލެޖް އަދި އުސްފަސްގަނޑު ސަރަހައްދުގައި ހުއްދަ ނެތި އެއްވެވޭ ގޮތަށް ހަމަޖައްސާފައެވެ. ނަމަވެސް މިރޭ މުޒާހަރާ ބާއްވަން އިއުލާނުކޮށްފައިވާ އާޓިފިޝަލް ބީޗަކީ އެފަދަ ސަރަހައްދެއް ނޫން ކަމަށް ފުލުހުން ފާހަގަކުރިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.