ހަކުރު ބަލި ތަހައްމަލުކުރަމުންދާ މީހުންގެ އަދަދު 7000ން މައްޗަށް އަރާ: އެޗްޕީއޭ

ރާއްޖޭގައި ހަކުރު ބަލި ތަހައްމަލުކުރަމުންދާ މީހުންގެ އަދަދު 7000ން މައްޗަށް އަރާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅުވައިގެން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އާބާދީގެ މިހާރުގެ ސިއްހީ ހާލަތަށް ބަލާއިރު، ގައިންގަޔަށް ނާރާ ބަލިތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެގޮތުން އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 85 ޕަސެންޓް މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ދުނިޔެ ދޫކުރާ މީހުން ކަަމަށާއި އޭގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީ ހަކުރު ބަލި ކަމަށެވެ.
މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ހޮސްޕިޓަލްތަކުން އެއްކުރެވިފައިވާ ތަފާސް ހިސާބުތަކާ ހަވާލާދީ އެޗްޕީއޭއިން ބުނީ ރާއްޖޭގައި ޑައިބެޓީސްގެ ޓައިޕް 1 ހުންނަ 300 މީހުން އެބަތިބި ކަމަށާއި އަދި ޓައިޕް 2 ޑައިބެޓީސް 7000 ބަލި މީހުން ތަަހައްމަލުކުރަމުންދާ ކަމަށެވެ.
އޭގެ އިތުރުން މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ގޮސްގެން އަހަރަކު 250 އެއްހާ މީހުން ހަކުރު ބައްޔަށް ފަރުވާކުރަމުންދާކަމަށް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ބުނީ ހަކުރު ބައްޔަށް ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ޖެހިދާނެ ބައްޔެއް ކަމަށެވެ. އަދި އޭގެ އިތުރުން ވެސް އާއިލާގައި ހަކުރުބަލީގެ މީހުން ތިބުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ދުންފަތުގެ ދުމަށް ހުށަހެޅުމާއި، މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުމަކީ މިބަލި ޖެހުމަށް މަގުފަހިވާ ކަމެއްކަަމަށް ބުންޏެވެ.





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.