މިއަދު ވެސް ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ: މެޓް
ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ވައި ހުންނާނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ބެލެވޭއިރު، މިހާރު ކުރަމުންދާ ވިއްސާރަ ރަނގަޅުވާން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން މޫސުމަށް ބަލައި، އުޅަނދުގެ ސަލާމަތީ ކަންކަން ފުރިހަމަވެފައިވޭތޯ ޔަގީންކުރުމަށް ވަނީ އެދިފައެވެ.




ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.